ކުޅިވަރު

ކުޅިވަރު ހަޔާތުގައި ލިބުނު އެންމެ ބޮޑު ޝަރަފަކީ މިއީ - އިޝާން


ސައުތް އޭޝިއަން ގޭމްސްގައި ދިވެހިރާއްޖޭގެ ދިދަ އުފުލާލަން ލިބުމަކީ ކުޅިވަރު ހަޔާތުގައި ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއްކަމަށް އިޝާން މުޙައްމަދު ބުނެފިއެވެ. އިއްޔެ އިންޑިޔާގެ ގުވަހާޓީގައި ރަސްމީކޮށް ފެށި ސައުތް އޭޝިއަން ގޭމްސްގައި ދިވެހި ދިދަ އުފުލާލީ ގައުމީ ފިރިހެން ވޮލީ ޓީމްގެ ކެޕްޓަން އިޝާން މުޙައްމަަދެވެ. ނޫސްވެރިންނާއި ވާހަކަދައްކަމުން ރާއްޖޭގައި މި ވަގުތުހުރި އެންމެ މޮޅު ސެޓަރު އިޝާން މުޙައްމަދު ބުނީ މީ ކުޅިވަރުގެ ހަޔާތުގައި ކޮންމެ ކުޅުންތެރިއަކަށްވެސް ލިބޭނެ ބޮޑު ޝަރަފެއްކަަމަށާއި، ގިނަ ކުޅުންތެރިންތަކެއްގެ ތެރެއިން އޭނާއަށް މި ފުރުސަތު ލިބުމުން ވަރަށް ހިތްހަމަޖެހިއްޖެކަމަށެވެ. އިޝާން މުޙައްމަދު ބުނީ އޭނާއަށް މި ލިބުނު ފުރުސަތަކީ މުޅި ވޮލީ އާއިލާއަށް ލިބުނު ފުރުސަތެއްކަމަށާއި، މީ މުޅި ވޮލީ އާއިލާއަށް ލިބިގެންދިޔަ އުފަލަކާއި ހިތްހަމަޖެހުމެއްކަމަށެވެ."އަސްލު ވަރަށް ހިތްހަމަ ޖެހިއްޖެ މިހާ ގިނަ ކުޅުންތެރިން ތިއްބާ އަޅުގަނޑަށް މި ފުރުސަތު ލިބުނީމަ. މީ ކުޅިވަރުގެ ހަޔާތުގައި ލިބުނު ބޮޑު ޝަރަފެއްގެ ގޮތުގައި ދެކެނީ" އިޝާން މުޙައްމަދު ބުންޏެވެ.އިޝާން މުޙައްމަދަކީ ގޭމްސްއެއްގައި ދިވެހި ދިދަ އުފުލާލި ދެވަނަ ވޮލީ ކުޅުންތެރިޔާއެވެ. މީގެ ކުރިން ގައުމީ ފިރިހެން ވޮލީ ޓީމްގެ އިސްމާއިލް ސާޖިދު ވަނީ 2014 ވަނަ އަހަރު ދެކުނު ކޮރެއާގެ އިންޗިއޮންގައި ކުރިއަށްދިޔަ އޭޝިއަން ގޭމްސްގައި ދިވެހި ދިދަ އުފުލާލާފައެވެ.