ޚަބަރު

3 ރަށެއްގައި ކުޅިވަރު ވަޞީލަތްތައް ޤާއިމުކުރަން 4 ކުންފުންޏަކަށް


ތިން ރަށެއްގައި ކުޅިވަރު ވަޞީލަތްތައް ޤާއިމުކުރުމަށް ހަތަރު ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ކުޅިވަރުގެ ވަޞީލަތްތައް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ރ.އިނގުރައިދޫ، ދ.ބަނޑިދޫ، ފ.މަގޫދޫގައެވެ.

މިގޮތުން ރ.އިނގުރައިދޫގައި ޔޫތް އެންޑް ކޮމިއުނިޓީ ސެންޓަރެއް ޤާއިމްކުރުމަށް އަލްއަމީން އިންވެސްޓްމަންޓްއާ ހަވާލުކޮށްފައިވަނީ 4.8 މިލިޔަނަށް ވުރެ ގިނަ ރުފިޔާއަށެވެ. މި މަސައްކަތް ނިންމުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.

ޔޫތް މިނިސްޓްރީން މެކްސްޓަރ މޯލްޑިވްސްއާ ހަވާލުކޮށްފައިވަނީ ދ.ބަނޑިދޫގައި ޔޫތް އެންޑް ކޮމިއުނިޓީ ސެންޓަރެއް ޤާއިމްކުރުމަށެވެ. މި މަސައްކަތަށް 4.6 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވާއިރު މި މަސައްކަތްވެސް 120 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

ފ.މަގޫދުގައި 2 މަޝްރޫޢުއެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު މަގޫދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ޤާއިމްކުރުމަށް 2.2 މިލިޔަނަށްވުރެ ގިނަ ރުފިޔާއަށް ހަވާލުކޮށްފައިވަނީ ޓީއޭ ކޮންސްޓްރަކްޝަނަށެވެ. މި މަސައްކަތް ނިންމަން ޖެހެނީ 55 ދުވަހުގެ ތެރޭގައެވެ. މީގެ އިތުރުން އެ ރަށު ފުޓުބޯޅާ ދަނޑަށް ބޭނުންވާ ޓާފް ސަޕްލައިކޮށް އިންސްޓޯލް ކުރުމަށް ކޯލައިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލުކޮށްފައެވެ. މި މަސައްކަތަށް 4.7 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާއިރު މި މަސަައްކަތް 70 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.