ޚަބަރު

އަދުލުވެރިކަން ގާއިމުކުރުމު ޒިންމާ އެންމެ ފުރަތަމަ އަދާކުރަންޖެހޭ ބަޔަކީ ފުލުހުން: ޢިމްރާން


އަދުލުވެރިކަމާއި, އަމަން އަމާންކަމާއި ސުލުހަވެރިކަން ޤާއިމްކުރުމުގެ މަރުހަލާގެ އެންމެ ފުރަތަމަ މަސައްކަތްކުރަންޖެހޭ ބަޔަކީ ފުލުހުންކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންގެ އަގުވަޒަންކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުالله ވިދާޅުވީ އަދުލުވެރިކަމާއި އިންސާފާއި ހަމަހަމަކަމާއި ރައްކާތެރިކަން ގެއްލޭ ކޮންމެ މުޖުތަމައަކީ ވީރާނާވެ ފަނާވެ ހަލާކުވުމުގެ މުޖުތަމައެއް ކަމުގައި ވެގެންދާކަމަށާއި، މި މަސައްކަތް އިންސާނުންގެ ތެރެއިން ފެށުނީއްސުރެ ކުރާބަޔަކު ކޮންމެ މުޖުތަމައެއްގައިވެސް ދިރިއުޅެމުންދާކަމަށެވެ. އަދި އިންސާނުންގެ މުޖުތަމައުތައް ހިންގުމުގެ ނިޒާމުތަކަށް އަންނަމުން ދިޔަ ބަދަލުތަކުގެ ތެރެއިން މިއަދުގެ ދުނިޔޭގައި މި މަސައްކަތްކުރުމުގެ މަރުހަލާތަކާއި ނިޒާމުތައް ބެހިގެން ދިޔައިރު އެ މަސައްކަތް އެންމެ ބޮޑަށް އެ ބައެއްގެ ބޮލުގައި އެޅިފައިވާ ނުވަތަ މި މަރުހަލާގެ އަދުލުވެރިކަން ގާއިމު ކުރުމުގެ މަރުހަލާގެ އެންމެ ފުރަތަމަ ޒިންމާ އަދާކުރަންޖެހޭ ބަޔަކީ އެ މުޖުތަމައެއްގައި ތިބޭ ފުލުހުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" އަޅުގަނޑުމެންގެ މިޖުތަމައުގެ އަދުލުވެރިކަމާއި އަމަން އަމާންކަމާއި, ރައްކާތެރިކަން މިމުޅި މުޖުތަމައުއަށް ކަށަވަރުކޮށްދިނުމުގެ އެންމެ ފުރަތަމަ ސަފަކީ ފުލުހުން. މިސަފުގައި ތިއްބަވާ ފަރާތްތަކުން އެއަދާކޮށްދެނީ މުޖުތަމައުއަށްޓަކައި ވަރަށްބޮޑު ޒިންމާއެއް. އެއަދާކޮށްދެއްވަނީ މުޅި މުޖުތަމައުގެ ހުރިހާ ފަރުދުންގެ ޒިންމާ. އެޒިންމާއަށް ރައްކާތެރިވުން އެއީ އަޅުގަނޑުމެންގެ މުޖުތަމައުއަށް ހެޔޮ މުޖުތަމައުއެއްގެ ގޮތުގައި ދެމިއޮތުމަށް ކޮންމެހެން އަޅުގަނޑުމެން އެންމެން ކުރަމްޖެހޭކަމެއް." މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ.

ފުލުހުންގެ ތެރެއިން ކުރެވޭ މަސައްކަތް އެއްދުވަހުން އަނެއް ދުވަހަށް ހަރުދަނާކޮށް, އެއްދުވަހުން އަނެއްދުވަހަށް ކުރިއަރުވާ އެއްދުވަހުން އަނެއް ދުވަހަށް ޚިދުމަތް ރަނގަޅުކުރުމަކީ ފުލުހުންގެ އެތެރޭން ކުރަންޖެހޭކަމެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތް އެންމެ ރަނގަޅު ގޮތުގައި ދެމިއޮތުމަށްޓަކައި ހޯދައިދޭންޖެހޭ ވަސީލަތްތަކާއި, ލިއްބައިދޭންޖެހޭ ޤާބިލްކަން ލިއްބައިދިނުމަށްޓަކައި ދައުލަތުގެ ނިޒާމްގެ ތެރެއިން އެކަންކަން ފުރިހަމަކުރުމަކީ އެވަގުތެއްގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ މައްޗަށް ވެރިކަންކުރަން ތިބޭ ވެރިންގެ ޒިންމާއެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ހަމައެއާއެކު ދިވެހި ފުލުހުންގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ބަލައިގަނެ އެޚިދުމަތަށް އިހުތިރާމާއި, ޤަދަރުކޮށް ލޯބިކުރުމަކީ އެމުޖުތަމައެއްގެ އަފްރާދުންގެ ޒިންމާއެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ މިހުރިހާ ދިމާއަކުން މިކަން ފުރިހަމަނުވާނަމަ އެޖުތަމައެއްގެ ތެރޭގައި ނުވަތަ ދިވެހި މުޖުތަމައުގައި އޮންނަންޖެހޭ އެންމެ އަމަން އަމާންކަންކަމާއި ރައްކާތެރިކަމާއި, ސުލުހަވެރިކަމުގެ ސިފަތައް ފުރިހަމަނުވާނެކަމަށެވެ.

އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވީ މީގެ 18 އަހަރު ކުރިންވެސް ހުރި ބައެއް ކުށްތައް މަދުނުވެ އިތުރުވަމުންދާކަމުގެ އިހުސާސް ކުރެވުމެވެ. މިނިސްޓަރ ވިދާޅުވީ އެއީ މުޅި މުޖުތަމައުގެ ކުރިއެރުމަށްޓަކައި އޮތް ވަރަށްބޮޑު ބިރެއް އަދި ނުރައްކަލެއްކަމަށެވެ. މިކަމުން އަރައިގަތުމަށް ފުލުހުންނާއި ސަރުކާރާ ރައްޔިތުންގެ ގުޅިގެން އެކުގައި މަސައްކަތްކުރުމަކީ އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތަކަށްޓަކައި މިއަދުގެ ޖީލުގެ މައްޗަށް އެޅުވިފައިވާ ވަރަށްބޮޑު ޒިންމާއެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންގެ އަގުވަޒަންކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގައި 25 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ އަދި 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަންކުރުމާއި ހަނދާނީ ފިލާ ދީފައިވެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތަށް 25 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންގެ ތެރެއިން، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކުތަކުގެ ފުލުހުންނާއި ޓެކްނިކަލް ޑިރެކްޓަރ މަގާމުގެ އާންމު މުވައްޒަފުން ހިމެނޭހެން 20 މުވައްޒަފެއްގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ދީފައިވެއެވެ. މި މުވައްޒަފުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

ފުލުހުންގެ ޚިދުމަތުގައި 25 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންގެ ތެރެއިން، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަދި އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކުގެ 18 މުވައްޒަފުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲއެވެ.

ފުލުހުންގެ ޚިދުމަތުގައި 25 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންގެ ތެރެއިން، ނަން-ކޮމިޝަންޑް ރޭންކުތަކުގެ ފުލުހުންނާއި ޑައިރެކްޓަރ ނޫން މަގާމުތަކުގެ އާންމު މުވައްޒަފުން ހިމެނޭހެން 24 މުވައްޒަފަކަށް އަދި ފުލުހުންގެ ޚިދުމަތުގައި 20 އަހަރަށްވުރެ ދިގުމުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ 16 މުވައްޒަފަކަށް ހަނދާނީ ފިލާ ދީފައިވެއެވެ. މި މުވައްޒަފުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ.