ޚަބަރު

ސަރުކާރުގެ މަސައްކަތް ރައްޔިތުން ބަލައިގެންފި؛ ރައީސް އިތުރު ދައުރަކަށް ހޮވޭނެ: ޝާހިދު


ރައްޔިތުން ވަނީ ސަރުކާރުގެ މަސައްކަތް ބަލައިގެންފައިކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނަވާނެކަމަށް އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ އެމަނިކުފާނު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ "ދަ ޕްރިންޓް"އަށް ދެއްވި އިންޓަރވިއުއްގައެވެ.

އިންޑިއާގެ "ދަ ޕްރިންޓް"އަށް ދެއްވި އިންޓަރވިއެއްގައި ޝާހިދު ވަނީ ރާއްޖޭގައި ހިނގަމުންދާ ކަންކަމާއި ސިޔާސީ މަސްރަހަށް އަލި އަޅުއްވާލަައްވާފައެވެ.

ޝާހިދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އިންޑިއާއާ ދެކޮޅަށް ހިންގާ ކެމްޕެއިނަކީ އިދިކޮޅު ފަރާތްތަކުން ކުރިއަށްދާނެ އެޖެންޑާއެއް ނެތުމުން ހިނގާ އެއްވެސް މާނައެއް ނެތް އަމަލުތަކެއްކަމަށެވެ. އަދި އެއީ ރައްޔިތުންނަށް ވިއްކާނެ އިތުރު އެއްޗެއް ނެތުމުން ކުރާ ކަންތައްތަކެއްގެ ގޮތުގައި ޝާހިދު ސިފަކުރެއްވިއެެވެ.

ޝާހިދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ރާއްޖެއަށް ގެނެސްފައިވާ ތަރައްޤީއާއި ކުރިއެރުން ރައްޔިތުން ބަލައިގެންފައިވާކަމަށެވެ. އަދި ރައީސް ސާލިހު ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަންނަވާނެކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އަލުން އިންތިހާބު ކުރާނެ، ރާއްޖޭގެ ރައްޔިތުން ވަނީ އެމަނިކުފާނުގެ މަސައްކަތްތަކުގެ ހެޔޮ ނަތީޖާއެއް ލިބިފައި. އެމަނިކުފާނުގެ ހަރުދަނާ ލީޑާޝިޕް ދިވެހިން ބަލައިގަންނާނެ،" ޝާހިދު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނަވާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވެފައިވާއިރު، މިއީ ރައީސް ސާލިހު ދެވަނަ ދައުރަކަށް އިންތިހާބުކުރުމަށް ޝާހިދު މިހާ ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަފުޅުދެއްކެވި ފުރަތަމަ ފަހަރެވެ.

ޝާހިދުގެ އިތުރުން ރައީސް ސާލިހުގެ ކެބިނެޓްގައި ހިމެނިވަޑައިގެންނަވާ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރުންނާއި، ސިޓީތަކުގެ މޭޔަރުންނާއި އަތޮޅު ކައުންސިލުތަކުގެ ރައީސުން ވަނީ ރައީސް ސާލިހު ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބުކުރުމަށް ތާއީދުކުރައްވާފައެވެ.

ރައީސް ސާލިހު ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބުކުރުމަށް ގިނަ ބަޔަކު ތާއީދުކުރައްމުންދާއިރު ރައީސް ސާލިހުވެސް ވަނީ ރިޔާސީ އިތުރު ދައުރަަކަށް ވާދަކުރެއްވުމުގެ ޝަޢުޤުވެރިކަން ފާޅުކޮށްފައެވެ.

ރައީސް ސާލިހު ވިދާޅުވީ އެންމެ މުހިއްމީ އެމްޑީޕީއަށް ވެރިކަން ލިބުންކަމަށާއި އަދި އެއީ މުޅި ރާއްޖެއަށްވެސް އޮތް އެންމެ ފައިދާ ހުރި ގޮތްކަމަށެވެ. އަދި މިހާރު ކުރިޔަށްދާ މަޝްރޫއުތައް ކުރިޔަށްގެންދަން ދެވަނަ ދައުރެއް ލިބެންޖެހޭކަންވެސް ރައީސް ފާހަގަކުރެވިއެވެ. އެހެންނަމަވެސް އެކަނި އެއްވެސް ޕާޓީއަކަށް އިންތިޙާބު ކާމިޔާބު ނުކުރެވޭނެކަމަށާއި އެކަން ކުރަންޖެހޭނީ ގިނަ ޕާޓީތަކެއް އެެކުވެގެންކަމަށް ރައީސް ވިދާޅުވީއެވެ.

"އަޅުގަނޑަށް ޔަޤިންކަން އެބައޮތް ކޯލިޝަނަކާއި އެކީ އެމްޑީޕީ އިސްވެ އޮވެ ބަޔަކާއި އެކީ ނުކުމެ 2023 އަޅުގަނޑަށް ކާމިޔާބުކުރެވޭނެކަމަށް. އެމްޑީޕީ އެކަންޏެއް ނުވާނެ. ޕާޓީގެ ކޮންގްރެސް އިން ނިންމާނީ ކެނޑިޑޭޓެއް. އަޅުގަނޑު މިހިރަ ޔަޤީންކަމަކީ އަޅުގަނޑަށް ކާމިޔާބުކުރެވޭނެކަމުގެ ޔަޤީންކަން އޮތް ވާހަކަ. އެމްޑީޕީއަށް ވެރިކަން ބޭނުންނަމަ އަޅުގަނޑު މިހިރީ ޗޮއިސްއެއް" ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝަޢުގުވެރިކަން ފާޅުކޮށްފައިވާއިރު، އެމްޑީޕީން ތައްޔާރުވަމުން އަންނަނީ އަންނަމަހު އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ކަނޑައަޅާ ޕްރައިމަރީ ބޭއްވުމަށެވެ. ރައީސް ސާލިހުގެ އިތުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝަޢުޤުވެރިކަން ފާޅުކޮށްފައެވެ.