ޚަބަރު

މަސްދޯނި ފަހަރުގައި ބިދޭސީން ގެންގުޅޭ ފަރާތްތައް ޖޫރިމަނާކުރަން ތައްޔާރުވަނީ


މަސްދޯނި ފަހަރުގައި ބިދޭސީން ގެންގުޅޭ ފަރާތްތައް ޖޫރިމަނާ ކުރުމަށް ތައްޔާރުވަމުންދާކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މަސްވެރިކަމުގެ އާއްމު ގަވާއިދުގައިވާގޮތުން މަސް ދޯނި ފަހަރުގައި މަސްވެރިކަމުގެ މަސައްކަތުގައި ބިދޭސީން އުޅޭ ދޯނި ފަހަރުތަކުގެ ވެރިން އަދި ކެޔޮޅުން 5000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އެހެންނަމަވެސް އުޅަނދުގެ ސެކިއުރިޓީ ބެލެހެއްޓުމާއި، ފަޅުވެރިންނަށް ކެއްކުން ފަދަ މަސައްކަތްތައް ކުރުމަށްޓަކައި، އުޅަނދެއްގައި ގިނަވެގެން 2 ބިދޭސީންނަށް ވަޒީފާގައި ހަރަކާތްތެރިވުމުގެ ހުއްދަ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިގޮތަށް ގެންގުޅޭ ބިދޭސީންނަށްވެސް ހާއްސަ ކޯޓާއެއް ނަގަން ޖެހޭގޮތަށް ފިޝަރީޒް މިނިސްޓްރީން ވަނީ ނިންމާފައެވެ.

މަސް ދޯނި ފަހަރުތަކުގައި ބިދޭސީން ގެންގުޅޭ މައްސަލައާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ އަޙުމަދު ޝިފާޒު ވިދާޅުވީ ގިނަ އަދަދެއްގެ މަސް ދޯނި ފަހަރުތަކުގައި ގަވާއިދާ ހިލާފަށް ބިދޭސީން ގެންގުޅޭކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންނަމަވެސް އަދި މިހާތަނަށް އެއްވެސް ފަރާތަކާއި މެދު ފިޔަވަޅު އަޅާފައި ނުވާނެކަމަށް ޝިފާޒް ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓްރީން މަސައްކަތްކުރަމުންދަނީ ގަވާއިދަށް މަސް ދޯނިި ފަހަރުތައް އަހުލުވެރިކުރުމުގެ މަސައްކަތެވެ. ޝިފާޒް ވިދާޅުވީ މަސްވެރިންނާއި އޮޑިވެރިން މަސް ދޯނި ފަހަރުގައި ބިދޭސީން ގެންގުޅުމާއި ގުޅޭގޮތުން މައުލޫމާތުތައް ދެމުންދާ ކަމަށެވެ.

ޝިފާޒް ވިދާޅުވީ މިހާރު އޮތް ފުރުސަތުގެ ބޭނުން ހިފާ މަސް ދޯނި ފަހަރުތައް ގަވާއިދާ އެއްގޮތަށް އަމަލުތައް ބެހެއްޓުން މުހިންމު ކަމަށެވެ. އަދި ކުރިއަށް އޮތްތާނގައި ފިޝަރީޒް މިނިސްޓްރީން ކުރިއަށްގެންދާ އިންސްޕެކްޝަންތަކުގައި ފާހަގަވާ ކަންތައްތަކަށް ފިޔަވަޅު އަޅާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިހާރު މައުލޫމާތުތައް މީޑިއާތެރޭވެސް ދެމުން މިދަނީ، މީހުން އަހުލުވެރިކުރުމަށް، ކުރިއަށް އޮތްތަނުގައި ކުރިއަށްގެންދާ އިންސްޕެކްޝަންތަކުން ފާހަގަވާ ކަންތައްތަކަށް ފިޔަވަޅު އަޅާނަން، އެކަމާއި ގުޅޭ އިޢުލާނެއްވެސް ކުރާނަން އަޅުގަނޑުމެން،" ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ ޖޫރިމަނާ ކުރުމުގައި އަމަލުކުރާނީ މަސްދޯނި ފަހަރުގައި ގަވާއިދާ ހިލާފަށް ގެންގުޅޭ ކޮންމެ ބިދޭސީއަކަށް 5000 ރުފިޔާގެ ޖޫރިމަނާއެއް ކަމަށެވެ. އަދި 30 ދުވަސްތެރޭ ޖޫރިމަނާ ނުދައްކައިފިނަމަ ކޯޓަށް ފޮނުވައިގެން އެ މައްސަލަ ކުރިއަށް ގެންދާނެ ކަމަށެވެ.

ޝިފާޒް ވިދާޅުވީ އެއްވެސް ޖޫރިމަނާއެއް ނުދައްކާ އޮތް ނަމަ، މަސްވެރިކަމުގެ ލައިސެންސް ފިޝަރީޒް މިނިސްޓްރީން އައުކޮށް ނުދޭނެކަމަށެވެ.

ފިޝަރީޒް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ގާތްގަނޑަކަށް 750 ދޯންޏަކަށް މަސްވެރިކަންކުރުމަށް ލައިސަންސް ދޫކޮށްފައިވެއެވެ. އަދި މަސްވެރިންގެ ގޮތުގައި 17000 އެއްހާ މަސައްކަތްކުރާ ކަމަށް ފިޝަރީޒް މިނިސްޓްރީން އަންދާޒާކުރެއެވެ.