ޚަބަރު

ކުނާލް ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމު އިޢުލާންކޮށްފި


އެކްޓަރު އަދި ސޯހާ އަލީ ޚާންގެ ފިރިމީހާ ކުނާލް ކޭމޫ ޑައިރެކްޓުކުރާ ފުރަތަމަ ފިލްމު އިޢުލާނުކޮށްފިއެވެ.

މި ފިލްމަކީ ފަރުހާން އަޚްތަރާއި ރިތޭޝް ސިދުވާނީގެ އެކްސެލް އެންޓަޓައިންމަންޓުން ޕްރޮޑިއުސްކުރާ "މަދުގާއޯ އެކްސްޕްރެސް" ނަމަކަށް ކިޔާ ފިލްމެކެވެ.

ކުނާލް ލިޔެ، ޑައިރެކްޓްކުރާ ފިލްމުގެ ފަސްޓްލުކް ޕޯސްޓަރު ވަނީ ދައްކާލާފައެވެ. ކުނާލް ބުނިގޮތުގައި ޑައިރެކްޝަންގެ މަސައްކަތަކީ އަބަދުވެސް އޭނާގެ ހުވަފަނެއް ކަމަށާއި، އެކަން ހަޤީޤަތަކަށްވާތީ ވަރަށް އުފާވާ ކަމަށެވެ. އަދި އޭނާގެ ފުރަތަމަ ފިލްމު އެކްސެލް އިން ޕްރޮޑިއުސްކޮށްދޭތީ އެކަމާ ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށް ވެސް ކުނާލް ބުންޏެވެ.


ކުނާލްގެ ފުރަތަމަ ޑައިރެކްޝަން "މަދުގާއޯ އެކްސްޕްރެސް" އިޢުލާންކުރިނަމަވެސް، މި ފިލްމާބެހޭ އިތުރު ތަފްޞީލެއް އަދި ހާމަކޮށްފައެއްނުވެއެވެ. އެހެންކަމުން ފިލްމާބެހޭ އިތުރު މަޢުލޫމާތެއް ލިބޭނެ އިރަކަށް ކުނާލުގެ ފޭނުން ތިބީ ކެތްމަދުވެފައެވެ. ފިލްމުގެ ކާސްޓުންނަކީ ކޮބައި ކަމެއްވެސް އަދި ނޭނގެއެވެ.

ކުނާލްގެ ފާހަކަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ކާމިޔާބު ކޮމެޑީ ފްރެންޗައިޒް ފިލްމް "ގޯލްމާލް" ގެ ފިލްމުތައް ހިމެނެއެވެ. "ލޫޓްކޭސް"، "މަލަންގް"، "ކަލަންކް" އަދި "ގޯލްމާލް އެގެއިން" އަކީ ކުނާލް އެންމެ ފަހުން ފެނުނު ފިލްމުތަކެވެ. އޭނަ އާންމުކޮށް ކުޅެނީ ސަޕޯޓިން ރޯލުތަކެވެ. ލީޑް ރޯލުން ފެނިފައިވަނީ ވަރަށް މަދު ފިލްމެއްގައެވެ.

ކުނާލްގެ ކުރިއަށް ހުރި ބައެއް ޕްރޮޖެކްޓްތަކުގެ ތެރޭގައި "ކަންޖޫސް މައްކީޗޫސް" އަދި ވެބް ސީރީޒް "ގުލްކަންދާ" ހިމެނެއެވެ.

އުމުރުން މިހާރު 39 އަހަރުގެ ކުނާލް ބޮލީވުޑަށް ތަޢާރަފުވެފައިވަނީ 1993 ގައި ނެރުނު މަހޭޝް ބަޓްގެ "ސިރްފު" ފިލްމުން ޗައިލްޑް އާޓިސްޓެއްގެގޮތުގައެވެ. އެފަހުން 1998 އަކާއި ޖެހެންދެން އެކި ފިލްމުތަކުގައި ޗައިލްޑް އާޓިސްޓެއްގެގޮތުގައި މަސައްކަތްކުރުމަށްފަހު، ލީޑް ރޯލަކުން ކުނާލް އެންމެ ފުރަތަމަ ފެނިފައިވަނީ 2005 ވަނަ އަހަރު ރިލީޒްކުރި "ކަލްޔުގް" އިންނެވެ.