ޚަބަރު

އަލަމްގިރު 7 މަހަށް ޖަލަށްލުމަށް ޙުކުމްކޮށްފި


އެއް ޖިންސުން ގުޅުން ހިންގިިކަމުގެ ކުށް ސާބިތުވި ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމްޑީ އަލަމްގިރު 7 މަހާއި 6 ދުވަހަށް ޖަލަށް ލާން ޙުކުމްކޮށްފިއެވެ.

އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި އަލަމްގިރުގެ މައްޗަށް ތިން ދައުވާއެއް އުފުލިއެވެ. އެ ހުރިހާ ދައުވާއަކަށްވެސް އޭނާ ވަނީ އިޢުތިރާފްވެފައެވެ. އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައި ކުރިއަށްގެންދިޔަ މި މައްސަލާގައި އޭނާގެ މައްޗަށް ހަތް މަސްދުވަހަށް ޖަލަށް ލުމަށް ޙުކުމްކުރިއިރު، ޝަރީއަތުން ވަނީ އޭނާއަށް ތައުބާ ލައިދީފައެވެ.

އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އަލަމްގިރުގެ އިތުރުން 3 ދިވެއްސެއްގެ މައްޗަށްވެސް ދައުވާކުރެއެވެ. އެއީ ޤާނޫނީ ވަކީލް ނާޒިމް ސައްޠާރާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދާއި، ފުލުހެއްކަމަށްވާ ޢަބްދުއްރަހުމާން ރަފީޢުއެވެ. އެމީހުންގެ މައްޗަށްވެސް ދައުވާ އުފުލާފައިވަނީ ގާނޫނޫލްއުގޫބާތުގެ ދަށުންނެވެ. މި ޝަރީއަތްތައް ކުރިއަށް ގެންދާނީ, ޖިންސީ ކުށާއި ގުޅޭ މައްސަލައަކަށްވާތީ ސިއްރުކޮށްގެންނެވެ.

ގާނޫނުލްއުގޫބާތުގެ ދަށުން ދައުވާ އުފުލުމުން މިމައްސަލައިގައި ހިމެނޭ މީހުންނަށް އެންމެ ބޮޑު އަދަބަކަށްވެސް އަންނާނީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ޙުކުމެކެވެ.