ދުނިޔެ

ވިޔަފާރިއަށް އިރާނު ހުޅުވިފައިވާކަމަށް އެޤައުމުން ބުނެފި


އިރާނާއެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގާ ޤައުމުތަކަށް އެއްވެސް ހުރަހެއް ނެތް ކަމަށް އިރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް ވިދާޅުވެއްޖެއެވެ. 

ނިއުކްލިއަރ ހަކަތައިގެ މައްސަލައިގައި އިރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާފައިވީ ނަމަވެސް، ހުޅަނގުގެ ގިނަ ޤައުމުތަކުގެ ބެންކުތަކުން ދަނީ އެޤައުމުގައި އިންވެސްޓު ކުރުމަށް ފަސްޖެހެމުންނެވެ. އަދި، ދުނިޔޭގެ ބާރުތަކާއި އިރާނާއި މެދު އެކުލަވާލާފައިވާ މުއާހަދާއަށް ޢަމަލުކުރުމާއި އިރާނުގެ ނިއުކްލިއަރ މަޝްރޫއާއި ބެހޭގޮތުން އުފެދިފައިވާ ޚިލާފުތަކުގެ ސަބަބުން، ބެންކުތަކުން އިތުރަށް ފަސްޖެހޭކަމަށް ގިނަ އެނަލިސްޓުން ވަނީ ބުނެފައެވެ. 

މިކަމަށް އިޝާރާތްކުރައްވާ ޒަރީފް ވިދާޅުވީ ޤަވާއިދާއި އެއްގޮތަށް އިރާނުގައި އިންވެސްޓްކޮށް، ވިޔަފާރިކުރާ ފަރާތްތަކަށް އެގައުމުން އަބަދުވެސް މަރުހަބާ ކިޔާކަމަށެވެ. 

ޒަރީފް ވިދާޅުވީ ޤާނޫނީ އިތުރު ފިޔަވަޅުތަކެއް ބޭނުންނުވާ ކަމަށެވެ. ނަމަވެސް، ބޭނުންވަނީ އެމެރިކާ ފަދަ ޤައުމަކުން ދުނިޔޭގެ އެހެން ގައުމުތަކަށް އިރާނާއެކު ވިޔަފާރިކުރެވޭނެ ކަމުގެ ޔަޤީންކަން ދިނުންކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.