ޚަބަރު

ކޮވިޑާ ގުޅިގެން ދުނިޔޭގެ އެންމެ ބޮޑު އިލެކްޓްރޯނިކްސް މާރުކޭޓުގައި ތަޅުއަޅުވައިފި


ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން އިލެކްޓްރޯނިކްސް މުދާ ވިއްކާ އެންމެ ބޮޑު މާރުކޭޓު ބަންދުކޮށްފިއެވެ. މި މާރުކޭޓު ހުންނަނީ ޗައިނާގެ ދެކުނުގައިވާ ޝެންޒެންގެ ރަށެއް ކަމުގައިވާ ހުއަކިއަންގްބޭގައެވެ. މާރުކޭޓު ބަންދު ކުރުމުގެ އިތުރުން އެ ރަށުގެ 24 ސަބްވޭ ސްޓޭޝަނެއް ވެސް ވަނީ ބަންދު ކޮށްފައެވެ.

ހުއަކިއަންގްބޭގައި ހުންނަ އިލެކްޓްރޯނިކްސް މުދާ ވިއްކާ މާރުކޭޓުގައި ތިން ޢިމާރާތް ހިމެނެއެވެ. މައިކްރޯޗިޕްއާއި، މޯބައިލް ފޯނާއި ގުޅޭ މުދަލާއި، އަދި އެހެނިހެން އިލެކްޓްރޯނިކްސް މުދާ ވިއްކާ މި މާރުކޭޓު އަންނަ ސެޕްޓެންބަރު މަހުގެ 2 ވަނަ ދުވަހާއި ހަމައަށް ބަންދު ކޮށްފައިވާ ކަމުގައި ޝެންޒެންގެ އޮފިޝަލުން ބުނެއެވެ. މީގެ އިތުރުން، ސިނަމާތަކާއި ޕާކުތައް ވެސް ވަނީ ބަންދު ކޮށްފައެވެ. އަދި، ގިނަ އަދަދެއްގެ ޢާންމުން ބައިވެރިވާ ހަފުލާތަކާއި އެއްވުންތައް ބޭއްވުން ވެސް ޝެންޒެންގައި މިހާރު ވަނީ މަނާކޮށްފައެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ހުއަކިއަންގްބޭގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި ވާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ރަށުގައި މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އެންމެ 11 މީހުންނެވެ. އެ ރަށުގެ އާބާދީއަކީ 18 މިލިޔަނެވެ. ކޮވިޑަށް ޓެސްޓު ކުރުމަކީ އެ ރަށުގައި މިހާރު ޢާންމު ކަމެކެވެ. ސަބަބަކީ، ޢާންމު ތަންތަނާއި އޮފީސްތަކާއި އެހެނިހެން ޚިދުމަތްތައް ބޭނުން ކުރުމުގެ 48 ގަޑިއިރު ކުރިން ކޮވިޑް ޓެސްޓެއް ހަދަން މަޖުބޫރުކޮށްފައި އޮތުމެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޗައިނާގައި ކޮވިޑް ޖެހިފައި ވަނީ 1,969 މީހުންނަށެވެ. މީގެ ތެރެއިން ބަލީގެ ޢަލާމާތައް ފެނިގެން ޓެސްޓު ކޮށްފައި ވަނީ 352 މީހުންނެވެ.