ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު "ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް 2022"އަށް ޒިޔާރަތްކުރައްވާ ބައްލަވާލައްވައިފިއެވެ. މިއީ މި ދާއިރާގެ ހަރަކާތްތެރިވާ އެކި ޤައުމުތަކުން ބައިވެރިވާ ފެއަރއެކެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި ފެއަރއަށް ޒިޔާރަތްކުރައްވާ، ރައީސްވަނީ ސްޓޯލްތަކަށް ޒިޔާރަތްކޮށް ޚިދުމަތްތަކާއި އެކި އުފެއްދުންތަކާއި ގުޅޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.
މި ފެއަރ އަކީ ހޮސްޕިޓަލިޓީ ދާއިރާގައި މަސައްކަތް ކުރާ މީހުން އެއްތަނަކުން ބައްދަލުވެ، ތަޖުރިބާ ހޯދާ ވިތަފާރީގެ އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ފެއަރއެކެވެ.
މިއަހަރުގެ އެފްއެޗްއޭއެމްގެ އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖްގައި ރާއްޖޭގެ 80 ރިސޯޓަކުން 700އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ. އަދި އެފްއެޗްއޭއެމް އެގްޒިބިޝަންގައި 100 އެގްޒިބިޓަރުން ވަނީ ބައިވެރިވެފައެވެ.
މި އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅޭ ތަފާތު ގިނަ އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލާނެއެވެ. އަދި މި އެގްޒިބިޝްންއަކީ ގިނަ ރިސޯޓު، ހޮޓާ، ގެސްޓް ހައުސް، ރެސްޓޯރެންޓް އަދި ކެފެޓީރިއާތައް ހިންގާ ފަރާތްތަކާއި ހިއްސާދާރުންގެ ސަމާލުކަން ލިބިގެންދާ ހަރަކާތެކެވެ.
މިއީ ދިވެހިރާއްޖޭގައި ބާއްވާ ކަލިނަރީ މުބާރާތްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް މުބާރާތެކެވެ. މި މަހުގެ 28ވަނަ ދުވަހު ފެށި މިއެގްޒިބިޝަން ކުރިއަށްގެންދަނީ 3 ދުވަހުގެ މުއްދަތަށެވެ.