ދުނިޔެ

އައި.އެސް ހަނގުރާމަވެރިންގެ އަދަދު %20 ދަށަށް


ސޫރިޔާއާއި
އިރާޤުގައި ހަރަކާތްތެރިވަމުންދާ އައި.އެސް ހަނގުރާމަވެރިންގެ އަދަދު 2014 ވަނަ
އަހަރާއި އަޅާ ބަލާއިރު 20 އިންސަތަ ދަށަށް ގޮސްފައިވާކަމަށް އެމެރިކާގެ
އިންޓެލިޖެންސް ރިޕޯޓަކުން ދައްކައިފިއެވެ.



ވައިޓް
ހައުސްއިން ނެރިފައިވާ މި އިންޓެލިޖެންސް ރިޕޯޓުން ދައްކާގޮތުގައި ސޫރިޔާއާއި
އިރާޤުގައި ހަރަކާތްތެރިވަމުން އަންނަ އައި.އެސް ހަނގުރާމަވެރިންގެ އަދަދު
މިވަނީ 2014 ވަނަ އަހަރުން މިހާރާއި ހަމަޔަށް 31 ހާހުން، 25 ހާހަށް ދައްވެފައެވެ.



މިރިޕޯޓު ދައްކާގޮތުން އައި.އެސް
ހަނގުރާމަވެރިންގެ އަދަދު ދައްވެފައިވަނީ ދުނިޔޭގެ ބާރުތަކުން އައި.އެސް
ބަލިކަށިކޮށް ނައްތާލުމަށް ކުރިޔަށް ގެންދާ ކެންޕެއިންގެ ސަބަބުން، އެޖަމާޢަތުގެ
ހަނގުރާމަވެރިންނަށް އަމާޒުކޮށް ދެވިފައިވާ ހަމަލާތަކުގައި ގިނަ
ހަނގުރާމަވެރިންތަކެއް މަރުވެފައިވާތީއެވެ. މީގެއިތުރުން
އައި.އެސްއާއި ވަކިވާ މީހުންގެ އަދަދު އިތުރުވުންވެސް އެއީ އައި.އެސް
ހަނގުރާމަވެރިންގެ އަދަދު މަދުވުމަށް މެދުވެރިވާ ސަބަބެއްކަމަށް އެމެރިކާއިން
ނެރިފައިވާ ރިޕޯޓުން ހާމަވެއެވެ.



ވައިޓް ހައުސްގެ
ތަރުޖަމާނު ޖޯޝް އޭރނަސްޓް ވިދާޅުވީ މިއީ އައި.އެސް ބަލިކަށިކުރުމަށް އެމެރިކާއާއި
ގުޅިފައިވާ އިއްތިހާދުން ކުރަމުންދާ މަސައްކަތައް ލިބުނު ކުރިއެރުމެއްކަމަށެވެ. ނަމަވެސް އައި.އެސް ހަނގުރާމަވެރިންގެ އަދަދު ދައްވުމަކީ އެއްގޮތަކަށްވެސް
އައި.އެސް ގެ ނުރައްކާ ކުޑަވުމެެއް ނޫންކަމަށް އޭރނަސްޓް ވިދާޅުވިއެވެ.