މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލްގެ ތިއޭޓަރ ރައުންޑްގެ ފުރަތަމަ އެޕިސޯޑް މިރޭ


ފްރެންޗައިޒް އުސޫލުން ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ "މޯލްޑިވިއަން އައިޑަލް"ގެ ތިއޭޓަރ ރައުންޑްގެ އެޕިސޯޑްތައް މިރޭ ޓީ.ވީ.އެމުން ދައްކާނެއެވެ. ތިއޭޓަރ ރައުންޑްގެ އެޕިސޯޑްތައް ދެއްކުމަށް ހަމަޖެހިފައިވަނީ މިރޭ 10:30ގައެވެ.ދުނިޔޭގެ ފެންވަރުގައިވެސް ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ "އައިޑަލް" މި ބްރޭންޑް ރާއްޖޭގައި ލޯންޗްކޮށް، މޯލްޑިވިއަން އައިޑަލްގެ ޝޯވތައް ޕީ.އެސް.އެމުން މިދިޔަ މަހުގެ 22 ފެށިގެން ދައްކަން ފަށާފައިވާއިރު، މި ޝޯވއަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުޙީބެއް ދަނީ ލިބެމުންނެވެ. މާލޭ ސިޓީގެ އިތުރުން ރާއްޖޭގެ 4 ސަރަހައްދެއްގައި މޯލްޑިވިއަން އައިޑަލްގެ އޮޑިޝަންތައް ކުރިއަށްގެންގޮސްފައިވެއެވެ.މާލޭ ސިޓީގެ އޮޑިޝަންތަކާއެކު ޝޯވ ޕްރިމިއަރކޮށް، މިއަދާ ހަމައަށްއައިރު އަތޮޅުތަކުގައި ބޭއްވުނު އޯޕަން އޮޑިޝަންތަކުގެ ހުރިހާ ޝޯވތަކެއް އާއްމުންނާއި ހަމައަށް މިހާރު ވަނީ ގެނެސްދީފައެވެ.ކުރިއަށް އޮތް ތިއޭޓަރ ރައުންޑް ވެގެންދާނީ ބައިވެރިންގެ މެދުގައި އޮތް ވާދަވެރިކަން އިތުރުވެގެންދާނެ ބުރެއްގެގޮތުގައި އައިޑަލްގެ ޕްރޮޖެކްޓް ޓީމުން ފާހަގަކުރެއެވެ. އެގޮތުން ހުރިހާ އޮޑިޝަންތަކަކުން ގޯލްޑަން ޓިކެޓް ހޯދާފައިވާ ބައިވެރިންތަކުގެ މެދުގައި ޓާސްކްތަކެއް ހަވާލުކުރުމަށްފަހު، ގަދަ ސޯޅައާއެކު، ކުރިއަށް އޮތް ބުރުގައި ވާދަކުރާނެ ބައިވެރިން ތިއޭޓަރ ރައުންޑްގެ ތެރެއިން ކަނޑައެޅިގެންދާނެއެވެ.މޯލްޑިވިއަން އައިޑަލްގެ ތިއޭޓަރ ރައުންޑް ބާއްވާފައިވަނީ އދ. ދަނގެތީގައެވެ. މި ޝޯވގެ ފައިނަލް އެޑިޓިންގެ މަސައްކަތް ކުރުމުގައި ޕްރޮޑަކްޝަން ޓީމުން މިހާރުވެސް ދަނީ މަސައްކަތް ކުރަމުންނެވެ.މޯލްޑިވިއަން އައިޑަލްގެ ޝޯވތައް ޓީ.ވީ.އެމްގެ އިތުރުން، މީޑިއާ ނެޓްގެ އައިސް ޓީވީ މެދުވެރިކޮށް ހެޗް.ޑީކޮށް އާއްމުންނަށް ފެންނާނެއެވެ. މީގެ އިތުރުން ޕީ.އެސް.އެމްގެ ލައިވް ސްޓްރީމް މެދުވެރިކޮށްވެސް ރާއްޖެއާއި ރާއްޖޭން ބޭރުގެ ޤައުމުތަކުގައި ދިރިއުޅޭ ފަރާތްތަކަށް މި ޝޯވ ބަލާލެވޭނެއެވެ.އައިޑަލްގެ ޝޯވތައް ކޮންމެ ހުކުރު އަދި ހޮނިހިރު ދުވަހެއްގެ ރޭ، 22:30 ގައި ޓީ.ވީ.އެމުން ދެއްކުމަށް ހަމަޖެހިފައިވާއިރު، މިއިން ކޮންމެ ރެއެއްގައިވެސް ދެއްކުމަށް ހަމަޖެހިފައިވަނީ މުޅިން އާ ޝޯއެކެވެ. މޯލްޑިވިއަން އައިޑަލްގެ ޓައިޓަލް ހޯދާ ފަރާތަކަށް ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި 250،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ.