ދުނިޔެ

ސޫރިޔާގެ 70 ހާސް ރެފިއުޖީން ތުރުކީއަށް ދަތުރު ފަށައިފި


ސޫރިޔާގެ އެލެޕޯގައި ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުން ސަލާމަތްވުމަށް އެޤައުމުގެ އެތައްހާސް ރައްޔިތުންނެއް ތުރުކީވިލާތުގެ ސަރަޙައްދީ ރޮނގާ ދިމާއަށް ދަތުރުކުރަން ފަށަފައިފިއެވެ.ތުރުކީވިލާތުގެ ބޮޑުވަޒީރު އަޙުމަދު ދައުތުގްލޫ ވިދާޅުވީ ސޫރިޔާ 70 ހާހެއްހާ ރެފިއުޖީން އެޤައުމުގެ ސަރަޙައްދީ ރޮނގާ ދިމާއަށް ދަތުރުކުރަން ފަށާފައިވާކަމަށެވެ. ނަމަވެސް ސޫރިޔާގެ ރެފިއުޖީންގެ ޙާލަތު މޮނިޓަރކުރާ ގްރޫޕްއަކުން ބުނީ އެލެޕޯގައި ކުރިޔަށްދާ ހަމަނުޖެހުންތަކުން ސަލާމަތްވުމަށް ތުރުކީވިލާތުގެ ބޯޑަރާ ދިމާލަށް ދަތުރުކުރާ މީހުންގެ އަދަދު 40 ހާހަށް ވުރެ ގިނަ ނުވާނެކަމަށެވެ.ރަޝިއާގެ އަސްކަރިއްޔާގެ އެހީތެރިކަމާއި ސޫރިޔާގެ ސިފައިން އެލެޕޯގައި މިހާރު ހިންގާ އަސްކަރީ އޮޕަރޭޝަނުން ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާކަމަށް ސޫރިޔާގެ އޮފިޝަލުން ވިދާޅުވެއެވެ. މި އަސްކަރީ އޮޕަރޭޝަންގެ ސަބަބުން ސޫރިޔާގެ އާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް އެތައްހާސް ޙަމަލާތަކެއް ވަނީ އަމާޒުވެފައެވެ. އަދި އެތައްސަތޭކަ ރަތްޔިތުންނެއް މަރުވެ، އެތައް ހާސް މީހުންނެއް ވަނީ ޖަޚަމްވެފައެވެ. މި ހަމަނުޖެހުންތަކުން ސަލާމަތްވުމަށް އެޤައުމުގެ ގިނަ ރައްޔިތުން މިހާރު ވަނީ ރައްކާތެރި ސަރަޙައްދުތަކަށް ދިއުމަށް މަސައްކަތް ފަށާފައެވެ.