ކުޅިވަރު

ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމް އިންޑިއާ ސިއްސުވާލައިފި


ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމް އިންޑިއާ
ސިއްސުވާލައިފިއެވެ. މިއަދު އިންޑިއާގެ ޝިލޮންގައި ކުޅުނު މިމެޗް ނިމުނީ ލަނޑެއް
ނުޖެހިއެވެ. އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ 
މުޅި މެޗް ޑޮމިނޭޓްކޮށްގެން ކުޅުނު އިރު ގިނަ ހަމަލާތަކެއް އުފެއްދިއެވެ. ރާއްޖެ
ޓީމް ފެނުނީ ޑިފެންސްކޮށްގެން ކުޅުނުތަނެވެ.

 މެޗަށްފަހު އިންޑިއާގެ ކޯޗް ސާޖިދު ބުނީ
ރާއްޖެ މެޗަށް އިންޑިއާ ނިކުތީ ފަސޭހައިން މޮޅުވެވޭނެ ކަމުގެ އުއްމީދުގައި ކަމަށެވެ.
ނަމަވެސް ރާއްޖޭ ޓީމްެގެ ފަރާތުން ފެނުނީ ހައިރާންވާ ކަހަލަ މޮޅު ކުޅުމެއް
ކަމަށާއި، ރާއްޖޭގެ ޑިފެންސްލައިން ފޫއަޅުވާލުންވީ އުނދަގޫ ކަމަކަށް ކަމަށް ސާޖިދު ބުންޏެވެ.



" ކުރިން ރާއްޖެއާ ވާދަކުރާ މެޗްތައް ވަރަށް ފަސޭހަ. އެހެން ނަމަވެސް
މިއަދު މިފެނުނި ތަފާތު މަންޒަރެއް. ރާއްޖޭގެ ފުޓްބޯޅަ ވަރަށް ބަދަލުވެއްޖެ. މިވީ
ކުޑަ ދުވަސްކޮޅުގެ ތެރޭގައި ރާއްޖެ ކުރިއެރުން ހޯދައިފި." ސާޖިދު ބުންޏެވެ.



ރާއްޖޭގެ ކޯޗް ނައޯކޯ ކަވަމޯޓޯ ބުނީ މިމެޗްގެ ނަތީޖާ އެއްވަރުވާނެ ކަމަށް
އޭނާވެސް ޤަބޫލް ނުކުރާ ކަމަށެވެ. އަދި މިއީ މިހާތަނަށް ލިބުނު އެންމެ ބޮޑު
ކާމިޔާބީގެ ގޮތުގައި ރާއްޖޭގެ ޤައުމީ އަންހެން ފުޓްބޯޅަ ޓީމަށް އިރުޝާދު ދެމުންދާ
ޖަޕާންގެ ކޯޗް ބުންޏެވެ.



" އަހަރެން އުއްމީދެއް ނުކުރަން މިގޮތައް ނަތީޖާ ނިކުންނާނެ ކަމަކަށް، މިހާ އުހުގައި އަދި ފިނިތަނެއްގައި މެޗް މިކުޅުނީ. ވަރަަށް ތަފާތު މިއަދު. ޓީމްގެ ޑިފެންސާ މެދުތެރެ އަހަރެން ބޭނުންވިގޮތައް
ކުޅެފި" ނައޯކޯ ބުންޏެވެ.



މިމެޗަށް ނިކުތްއިރު އިންޑިއާއަކީ ފިފާ ރޭންކިންގެ 56ވަނަ އެވެ. ރާއްޖޭގެ
ރޭންކިންގއަކީ 133ވަނަ އެވެ. މެޗް ކުޅުނު އިރު ފިނިހޫނުމިން ހުރީ 13 ޑިގްރީ
ސެލްސިއަސްގައެވެ. ގޭމްސްގައި ރާއްޖެ ދެން ވާދަކުރާނީ ނޭޕާލާއެވެ.