ޚަބަރު

ބީއެމްއެލުން އައިޖީއެމްއެޗްގައި އޮންކޮލޮޖީ ވޯޑެއް ގާއިމްކުރަން އެހީތެރިކަން ފޯރުކޮށްދެނީ


ބޭންކް އޮފް މޯލްޑިވްސްއިން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި އޮންކޮލޮޖީއަށް ހާއްސަ ވޯޑެއް ގާއިމްކުރުމާއި ގުޅޭ އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މިއީ ނޮވެންބަރުމަހު ފާހަގަކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާއި ހަމައަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތެވެ.

ބީއެމްއެލުން މި ޕްރޮޖެކްޓް ހިންގުމަށް 3.5 މިލިއަން ރުފިޔާ ހަދިޔާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއަދު ބޭންކުގައި ބޭއްވުނު ހަފްލާއެއްގައި އެމްއޯޔޫގައި ބޭންކުގެ ފަރާތުން ސޮއިކުރެއްވީ އިންޗާރޖް އަދި އެކްޓިންގ އެމްޑީ ޢާއިޝަތު ނޫރައްދީންއެވެ. އަދި އައިޖީއެމްއެޗް ގެ ފަރާތުން ސޮއި ކުރެއްވީ އެ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް ސަލީމެވެ.

ބީއެމްއެލްގެ އިންޗާރޖް އަދި އެކްޓިންގ އެމްޑީ ޢާއިޝަތު ނޫރައްދީން ވިދާޅުވީ މި ޕްރޮޖެކްޓްގެ އެހީގައި ކެންސަރ ބަލި ތަހައްމަލުކުރަމުންދާ ބަލިމީހުންނަށް ހާއްސަ ވޯޑެއް ގާއިމްކުރެވިގެންދާނެ ކަމަށާއި، އުންމީދަކީ މި ވޯޑުގެ މެދުވެރިކޮށް ރައްކާތެރި އަދި ފެންވަރު ރަނގަޅު އޮންކޮލޮޖީ ހިދުމަތްތަކެއް އެކަމަށް ބޭނުންވެފައި ތިބި ފަރާތްތަކަށް ލިބިގެންދިޔުން ކަމަށެވެ.

" އަޅުގަނޑުމެންގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތައް ވާނީ ރާއްޖެއަށް މުހިންމު ގިނަ ދާއިރާތަކަށް އަމާޒުކޮށްފައި. މިގޮތުން މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ބޭންކުގެ މާލީ އެހީތެރިކަން ލިބިގެން މިދަނީ ސިއްހީ ދާއިރާއަށް މިހާރުވެސް ވަރަށް ބޭނުންތެރި މުހިންމު ކަމަކަށް." ޢާއިޝަތު ނޫރައްދީން ވިދާޅުވިއެވެ.

އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމް ވިދާޅުވީ މި އެހީގެ ސަބަބުން ބަލިމީހުންނަށް އެންމެ ފަހުގެ ފެންވަރު ރަނގަޅު ފަރުވާއެއް ދިނުމަށް ހޮސްޕިޓަލުގެ ހިދުމަތްތައް އިތުރަށް ފުޅާކުރެވިގެންދާނެ ކަމަށެވެ.

"ކެންސަރު ބަލީގެ މީހުންނަށް ހާއްސަ ވޯޑެއް ގާއިމްކުރުމަށްޓަކައި ބީއެމްއެލް އިން މިދެއްވި ދީލަތި އެހީއަށް އަޅުގަނޑު ޝުކުރު އަދާކުރަން. ކެންސަރ ބަލީގެ ފަރުވާ ބޭނުންވެފައިތިބި ފަރާތްތަކަށް ފަސޭހަކަމާއެކު ލިބޭނެ ގޮތް ހޯދައިދިނުމަކީ އައިޖީއެމްއެޗްގެ މުހިންމު ލަނޑުދަނޑިއެއް." އިބްރާހިމް ސަލީމް ވިދާޅުވިއެވެ.

ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އެކި ދާއިރާތައް ހިމެނޭހެން ތަފާތު، ގިނަ ޕްރޮޖެކްޓްތަކެއް ވަނީ ފަށާފައެވެ. އެގޮތުން ސަޤާފަތާ ތަރިކައިގެ އިތުރުން، ތަޢުލީމާ ތިމާވެށީ އަދި އިޖްތިމާއީ މުހިންމު ޕްރޮޖެކްޓްތައް ހިމަނާފައިވެއެވެ.