ޚަބަރު

ދެކުނުގައި މަސް ކިރުވުމުގެ މަސައްކަތަށް އިތުރު 3 ބޯޓު ގެންނަނީ


ދެކުނުގައި މަސްގަތުމުގެ ކެޕޭސިޓީ އިތުރުކުރުމަށް، މަސް ކިރުވުމުގެ މަސައްކަތަށް އިތުރު 3 ބޯޓު ގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖްލީހުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ފިޝަރީޒް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވީ، މަސްވެރިކަމުގެ މޫސުމަށް މަސް ގަތުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ދިރާސާތައް ކުރިއަށްގެންގޮސްފައިވާ ކަަމަށެވެ.

އަދި މިގޮތުން ދެކުނުގައި މަސް ގަތުމުގެ މަސައްކަތަށް، އިތުރު 3 ބޯޓު ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހާރު މި ބޯޓުތައް ގަތުމުގެ މަސައްކަތް މިފްކޯއިން ކުރަމުންދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

" ދާއިމީގޮތަކަށް އެކަމަށް ހައްލެއް ހޯދުމަށް އެކަށީގެންވާ މުއްދަތެއް ބޭނުންވޭ، މަސްވެރިކަމުގެ ފަހި މޫސުން ސެޕްޓެމްބަރުފަހުކޮޅު ނުވަތަ އޮކްޓޯބަރ ކުރީކޮޅު ފެށޭނެކަމަށް ބެލެވޭތީ، އެކަން ހައްލުކުރެވޭނީ ބޭރުން މަސް ގަންނަ ބޯޓު ފަހަރު ގެނުވައިގެންނާއި، ސަރުކާރުން އެކެޕޭސިޓީ ގަނެގެން، ބޭރުން މަސް ބޯޓު ފަހަރު ގެނައުމުގެ ގަވާއިދު މިހާރު އޮންނާނީ ގެޒެޓުކޮށްފައި،" މިނިސްޓަރ ވިދާޅުވިއެވެ.

މަސްވެރިކަމުގެ މޫސުމުގައި މަސް ކިރުވުމަށް ހުރި ދަތިތަކަކީ މަސްވެރިންގެ ބޮޑު ޝަކުވާއެކެވެ.
މި ޝަކުވާތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ދަނީ މިފްކޯގެ މަސް ކާރުޚާނާތައް އަޕްގްރޭޑުކުރުމުގެ މަސައްކަތްތައްވެސް ކުރަމުންވެ. މިނިސްޓަރވަނީ މިފްކޯ އަޕްގްރޭޑުކުރުމުގެ މަޝްރޫޢުގެ ފަހުގެ ތަފްސީލްތައްވެސް ދެއްވާފައެވެ. އެގޮތުން ފެލިވަރު އަޕްގްރޭޑުކުރުމުގެ މަސައްކަތުގެ ޕްރޮޕޯސަލްތައް މިހާރު ލިބިފައިވާ ކަމަށާއި، ޕްރޮޕޯސަލްތައް އިވެލުއޭޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" ފެލިވަރު އަޕްގްރޭޑުކުރުމަށް ބޭނުންވާ ބިން ހިއްކައި ބިން ރައްކާތެރިކުރިމަށް ރިވެޓްމަންޓު ޖެހުމަށް ތައްޔާރުވަމުން ދަނީ، " މިނިސްޓަރ ވިދާޅުވިއެވެ.

ފެލިވަރު އަޕްގްރޭޑުކުރުމުގެ މަޝްރޫޢުގެ ދަށުން، ފެލިވަރުގައި 4000 ޓަނުގެ މަސް ރައްކާކުރެވޭނެ ކޯލްޑް ސްޓޯރޭޖަކާއި، ދުވާލަކު 200 ޓަނުގެ މަސް ގަނޑު ކުރެވޭނެ ބްރައިން ފްރީޒިންގ ފެސިލިޓީއެއް ޤާއިމްކުރާނެއެވެ. އަދި ރެފްރިޖަރޭޓަޑް ސީ ވޯޓަރ ފެސިލިޓީއާއި، މި ކަންކަމާ ގުޅޭ އެހެނިހެން ވަޞީލަތްތައްވެސް ޤާއިމުކުރާނެއެވެ.