ދުނިޔޭގެ ވިޔަފާރި

ޑެލް އިން ވެސް ރަޝިއާގެ ވިޔަފާރި ބަންދުކޮށްފި


ރަޝިއާ ޔުކްރެއިން ހަނގުރާމަ ފެށިފަހުން ހުޅަނގުގެ ވިޔަފާރިތަކުން ރަޝިއާގެ ވިޔަފާރިތައް ބަންދުކުރަމުންދާ މި ދަނޑިވަޅުގައި އެމެރިކާގެ މަލްޓިނޭޝަނަލް ޓެކްނޮލޮޖީ ކުންފުނި ޑެލް ޓެކްނޮލޮޖީސްގެ ރަޝިއާ ވިޔަފާރިވެސް ބަންދުކޮށްފިއެވެ.

ރަޝިޔާއަށް ސާރވަރތައް ފޯރުކޮށްދޭ މުހިންމު ކުންފުންޏެއް ކަމަށްވާ ޑެލްގެ ރަޝިއާ ވިޔަފާރި ބަންދުކުރީ ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ރަޝިއާއާއި ދެކޮޅަށް ހުޅަނގުގެ ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންދާ ދަނޑިވަޅެއްގައެވެ.

ފެބްރުއަރީ މަހުން ފެށިގެން ރަޝިއާ އާއި ޔުކްރެއިންގައި އެމީހުންގެ ވިޔަފާރި ހުއްޓާލާފައެވެ. އަދި ހާލަތަށް ބެލުމަށްފަހު އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް ކަނޑައަޅާނެ ކަމަށް ޑެލް އިން ވަނީ ބުނެފައެވެ.

އޮގަސްޓް މަހުގެ މެދުތެރޭގައި ކުންފުނީގެ އޮފީސްތައް ބަންދުކޮށް، ރަޝިޔާގެ ހުރިހާ އޮޕަރޭޝަންތަކެއް ހުއްޓާލާފައިވާ ކަމަށް ޑެލްގެ ތަރުޖަމާނު މައިކް ސިމިއެނާސް ވަނީ ވިދާޅުވެފައެވެ. ކުރިން ފެބްރުއަރީ މަހު އަޅުގަނޑުމެން ނިންމީ މިހާރުވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ކްރައިމިއާގެ އިތުރުން ރަޝިޔާ، ބެލަރޫސް އަދި ޔޫކްރޭންގެ ޑޮނެޓްސްކް އަދި ލުހަންސްކް ސަރަހައްދުތަކުގައި އުފެއްދުންތައް ނުވިއްކުމަށާއި، ޚިދުމަތް ދިނުން ހުއްޓާލުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރަޝިޔާގެ އިންޑަސްޓްރީ މިނިސްޓްރީން ބުނެފައިވާގޮތުގައި ޑެލްގައި ވިޔަފާރީގައި މަސައްކަތްކުރާ ގިނަ ރިސާޗަރުންނާއި އިންޖިނިއަރުންނަށް މިހާރުވެސް އާ ވަޒީފާތަކެއް ވާނީ ހުށަހަޅާފައެވެ.
ޓެކް އަށް ފޯކަސް ކުރާ ޕަބްލިކޭޝަން ސީނިއުސް އިން މި ހަފްތާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޑެލްގެ ރަޝިއާ ވިޔަފާރި އެއްކޮށް ބަންދުކޮށް އެ ކުންފުނީގެ ހުރިހާ ރަޝިއާ މުވައްޒަފުންވެސް ވަކިކުރާނެއެވެ.

ޑެލްގެ އިތުރުން ހުޅަނގުގެ ގިނަ އެހެން ވިޔަފާރިތައްވެސް ވަނީ އެމީހުންގެ ރަޝިއާގެ ވިޔަފާރި ބަންދުކޮށްފައެވެ.