ވިޔަފާރި

މިއަހަރުގެ ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް ފަށައިފި


ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް އިންޓަރނޭޝަނަލް އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖް 2022 ފަށައިފިއެވެ. މި އެގްޒިބިޝަން ފަށްޓަވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

މިއަހަރުގެ ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް އިންޓަރނޭޝަނަލް އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖް ކުރިއަށްދާނީ 28އިން 30އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މިއީ ސެންޓްރަލް ޕާކުގައި މި އެގްޒިބިޝަން ކުރިއަށްދާ ފުރަތަމަ ފަހަރެވެ. މިއީ ދިވެހި އެކްސްޕޯ ސާރވިސަސްއާއި ބޭރުގެ ސީޑީސީ އިވެންޓްސްއިން ރާވާ އިންތިޒާމްކޮށްގެން ބާއްވާ އެގްޒިބިޝަންއެވެ.

މިއަހަރުގެ އެފްއެޗްއޭއެމްގެ އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖްގައި ރާއްޖޭގެ 80 ރިސޯޓަކުން 700އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ. އަދި އެފްއެޗްއޭއެމް އެގްޒިބިޝަންގައި 100 އެގްޒިބިޓަރުން ވަނީ ބައިވެރިވެފައެވެ.

މި އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅޭ ތަފާތު ގިނަ އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލާނެއެވެ. އަދި މި އެގްޒިބިޝްންއަކީ ގިނަ ރިސޯޓު، ހޮޓާ، ގެސްޓް ހައުސް، ރެސްޓޯރެންޓް އަދި ކެފެޓީރިއާތައް ހިންގާ ފަރާތްތަކާއި ހިއްސާދާރުންގެ ސަމާލުކަން ލިބިގެންދާ ހަރަކާތެކެވެ.

މިއީ ދިވެހިރާއްޖޭގައި ބާއްވާ ކަލިނަރީ މުބާރާތްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް މުބާރާތެކެވެ. އެފްއެޗްއޭއެމް އެގްޒިބިޝަން ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10ިން ރޭގަނޑު 7 އަށެވެ. އެގްޒިބިޝަންއަށް ވަނުމުގެ ފުރުސަތު އާންމުންނަށްވެސް ވަނީ ހުޅުވާލާފައެވެ.