ވިޔަފާރި

ފަތުރުވެރިންގެ ނަންބަރުތަކުން %45 ކުރިއެރުމެއް


ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެ %45 ކުރިއެރުމެއް ހޯދައިފިއެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1،056،851 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. އެއީ ރާއްޖެއައި ފަތުރުވެރިންގެ %14.2 އެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެއީ %11.5 އެވެ.

މިމަހުގެ މިހާތަނަށް ރާއްޖެ އައިސްފައިވަނީ 110،079 ފަތުރުވެރިންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މާރޗް މަހުއެވެ. އެމަހު ރާއްޖެއަށް އައިސްފައިވަނީ 150،748 ފަތުރުވެރިންނެވެ. އަހަރުގެ ކޮންމެ މަހަކުވެސް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ 1 ލައްކައަށްވުރެ އިތުރުވެފައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު ސަރުކާރުން އަމާޒުހިފާފައިވަނީ މިއަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.

ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 4478 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އަދި ފަތުރުވެރިން ރާއްޖޭގައި 8.2 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.

ރާއްޖެއަށް މިހާރު ބައިނަލްއަޤްވާމީ 24 އެއަރލައިނަކުން ދަތުރުކުރަމުން އަންނަކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 1183 ތަނެއް އަންނަނީ އޮޕަރޭޓްކުރަމުންނެވެ.