ޚަބަރު

ބ.އަތޮޅުގައި މުރަކަ ދިރުވާ އާލާކުރަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް


ބ.އަތޮޅުގެ ސްކޫލްތަކުގެ ދަރިވަރުންނަށް މުރަކަ ދިރުވާ އާލާ ކުރަން ދަސްކޮށްދިނުމަށް ޚާއްސަ ހަރަކާތެއް އެއަތޮޅު ކައުންސިލުން ފަށައިފިއެވެ.

ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ބ.އަތޮޅު ކައުންސިލާއި ޓޫރިޒަމް މިނިސްޓްރީ އާއި ބ.އަތޮޅު ބަޔޮސްފިއަރ ރިޒާވް ގުޅިގެން ފެށި މިހަރަކާތުގައި ބ.އަތޮޅުގެ ހުރިހާ ސްކޫލަކުން ވަނީ ބައިވެރިވެފައެވެ. މިޕްރޮގްރާމުގެ ދަށުން މުރަކަ ފްރޭމްތަކުގައި ހަރު ކުރާނެގޮތާއި އެ މުރަކަ ފްރޭމްތައް މޫދުގައި ބަހައްޓާނެ ގޮތުގެ އިތުރުން މުރަކައިގެ ދިރުން އާލާވާގޮތްތައް ދަސްކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ. މުރަކަ އާލާކޮށް ދިރުވާނީ އެ ރަށެއްގެ ފަޅުތެރޭގައި އެ ރަށެއްގެ ސްކޫލްގެ ދަރިވަރުންނެވެ.

މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަންއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މުރަކައިގެ ދިރުމުގެ މުހިންމުކަން އެނގެން ޖެހޭ އެންމެ މުހިންމު އެއްބަޔަކީ ދަރިވަރުންކަމަށެވެ. މުރަކައަށް ލިބޭ ކޮންމެ ގެއްލުމަކީ އަހަރެމެންގެ ވެއްޓަށާއި ފަތުރުވެރިކަމަށް ލިބޭ ގެއްލުމެއްކަމަށާއި އެކަންކަން ހިމާޔަތް ކުރުމަށް އެންމެ މުހިންމު ދައުރެއް އަދާ ކުރަން ތިބި ބަޔަކީ މިއަދުގެ ކިޔަވާ ދަރިވަރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ބ.އަތޮޅަކީ ތިމާވެއްޓާއި ރައްޓެހި މުއްސަނދި ފަރުގެ ދިރުންތަކެއް އޮތް އަތޮޅެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ބ.އަތޮޅަކީ ނަމޫނާ އަތޮޅެއް. ރާއްޖޭގެ ފުރަތަމަ ބަޔޮސްފިއަރ ރިޒާވް. މިކަމުން މިދައްކައިދެނީ ބ.އަތޮޅަކީ މުޅި ރާއްޖެއަށް ނަމޫނާ ދައްކާ އަތޮޅެއްކަން. މިލަގަބު ދަމަހައްޓަން ބޭނުންނަމަ ފަރުތަކާއި ތިމާވެއްޓަށް ގެއްލުން ލިބޭ އެންމެހާކަންކަމުން ދުރުހެލިވާންޖެހޭނެ." މިނިސްޓަރ ހުސެއިން ރަޝީދު ވިދާޅުވިއެވެ.

ބ.އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު އަފްރާޙް ވިދާޅުވީ، ބ.އަތޮޅަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ކުރިއަރާފައި އޮތް އަތޮޅެއްކަމުން އެ ކަން ދެމެހެއްޓުމަށް ކުރަންޖެހިފައި އޮތް އެންމެ މުހިންމު އެއް މަސައްކަތަކީ އަތޮޅުގެ ފަރުތަކުގެ މުއްސަނދިކަމާއި ދިރުން ހިމާޔަތް ކުރުންކަމަށެވެ. މުރަކަ އިންދަން ދަސްކޮށްދިނުމަށް ފެށި މިހަރަކާތް ކާމިޔާބުވާނޭކަމުގެ ބޮޑު ޔަގީންކަމެއް އޮތްކަމަށް އަޙްމަދު އަފްރާހް ވިދާޅުވިއެވެ.

މުރަކަ ދިރުވާ އާލާ ކުރަން ދަސްކޮށްދިނުމުގެ މިހަރަކާތް ކުރިއަށްގެންދާނީ ބ.އަތޮޅުގެ ރިސޯޓްތަކުގައި މަސައްކަތް ކުރާ މެރިން ބަޔޮލޮޖިސްޓުންގެ އެހީތެރިކަމާއެކުގައެވެ. މިހަރާކަތް ކުރިއަށް ގެންދަން ކޮންމެ ސްކޫލަކަށްވެސް ވަނީ މުރަކަ އިންދުމަށް ފްރޭމެއް ހަދިޔާކޮށްފައެވެ. މި ފްރޭމްގައި އިންދުމަށް ދިރޭ މުރަކަވެސް އެސްކޫލްތަކަށް ހަވާލު ކުރާނެއެވެ. އަދި ކޮންމެ ތިންމަހަކުން މި ފްރޭމްގައި ހަރުކުރި މުރަކަތައް ހެދޭ މިންވަރާއި ގެއްލުން ލިބޭނަމަ އެލިބޭ ގެއްލުން އެދަރިވަރުންނާއެކު މެރިން ބަޔޮލޮޖިސްޓުން ދިރާސާ ކުރާނެއެވެ.

ބ.އަތޮޅުގައި ފެށި މި ހަރަކާތުގައި 13 ސްކޫލަކުން 134 ދަރިވަރުންވަނީ ބައިވެރިވެފައެވެ. މުރަކަ އިންދަން ދަސްކޮށްދިނުމަށް ފެށި މިހަރަކާތުގައި ބައިވެރިވި ދަރިވަރުންނަށް މުރަކަ އާ ބެހޭ މުހިންމު މައުލޫމާތުތަކެއް މެރިން ބަޔޮލޮޖިސްޓުންނާއި ކަނޑުގެ ދިރުން ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ކިޔައިދީފައެވެ.

ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ހަރަކާތްތައް ބ.އަތޮޅުގައި ފެށުމުގެ ރަސްމިއްޔާތު އޮތީ އެއަތޮޅު ފުޅަދޫގައެވެ. މިރަސްމިއްޔާތުގައި ބ.އަތޮޅުގެ ސްލޯގަންވަނީ އިފްތިތާޙްކޮށްފައެވެ.

ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އިތުރު ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް ބ.އަތޮޅު ކައުންސިލުން ވިދާޅުވެއެވެ.