ޚަބަރު

ތޫނީސިޔާއިން ކާބޯތަކެއްޗާއި ތެޔޮ ހުސްވަނީ


ތޫނީސިޔާގައި ތެލާއި ކާބޯތަކެތީގެ ސްޓޮކް މަދުވުމާ ގުޅިން، އެ ތަކެތި ވިއްކުން ކޮންޓްރޯލް ކޮށްފިއެވެ. ތޫނީސިޔާގެ ފިހާރަތަކުން ކައްކާ ތެލާއި ހަކުރާއި ބަޓަރު ފަދަ ބައެއް ތަކެތި މިހާރު ވިއްކަނީ ކޮންޓްރޯލް ކޮށްގެން، ކޮންމެ ކަސްޓަމަރަކަށް ވަކި އަދަދަކަށެވެ. އަދި، ތަކެތީގެ އަގު ދަނީ އުފުލެމުންނެވެ.

އެ ޤައުމުގައި ރައްކާކޮށްފައިވާ ޕެޓްރޯލާއި ޑީސަލްގެ ސްޓޮކް ވެސް ވަނީ މަދުވެފައެވެ. އަދި، ތެޔޮ ގަންނަން ގިނަ އަދަދެއްގެ ބަޔަކު ވަނީ ޕެޓްރޯލް ސްޓޭޝަން ކައިރީގައި ކިޔޫ ހަދާފައެވެ. މިއާއެކު، ވެރިރަށް ތޫނިސްގެ މަގުތަކުގައި ކާރޫބާރޫ ބޮޑުވެ، ޢާންމު ދަތުރުފަތުރަށް ވަނީ ހުރަސް އެޅިފައެވެ.

ތޫނީސިޔާއިން ތެލާއި ކާބޯތަކެތީގެ ސްޓޮކް މަދުވެފައިވާ ކަން އެ ޤައުމުގެ ރައީސް ޤައިސް ސަޢީދުގެ ސަރުކާރުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. އަދި، މި ކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަ ކުރަން ދަނީ ދެކޮޅު ހަދަމުންނެވެ. ނަމަވެސް، ހަމަނަހަމަ ނުބަލައި ކާބޯތަކެތީގެ ބާވައްތައް ގަނެ، އެ ތަކެތި އެއްކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ޤައިސްގެ ސަރުކާރުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ޤައިސް ވަނީ، އެ ޤައުމުގެ ތެޔޮ ވިއްކާ މައި ކުންފުނީގެ އިސްވެރިޔާ އޮގަސްޓު 26 ވަނަ ދުވަހު މަޤާމުން ވަކި ކޮށްފައެވެ. ތޫނީސިޔާގެ ރައްޔިތުންނަށް ތެލުގެ އިތުރުން ގިނަ ބާވަތްތަކެއްގެ ކާބޯތަކެތި ފޯރުކޮށްދެނީ ސަބްސިޑައިޒް ކޮށް، އަގު ކޮންޓްރޯލް ކޮށްގެންނެވެ. ނަމަވެސް، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ކާބޯތަކެތީގެ އަގުތައް ދަނީ އިންތިހާއަށް އުފުލެމުންނެވެ.

ގޮވާމުގެ ބާވަތްތައް ގަތުމަށް ތޫނީސިޔާއިން މި އަހަރުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ވަނީ ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން އެހީތެރިކަން ހޯދާފައެވެ. އެ ޤައުމަށް މާލީ އެހީ ދީފައި ވަނީ ވޯލްޑް ބެންކާއި ޔޫރަޕިއަން ބޭންކް ފޯ ރީކޮންސްޓްރަކްޝަން އެންޑް ޑިވެލޮޕްމެންޓުންނެވެ. މީގެ އިތުރުން، ދަރަނި ދެއްކުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް)އިން އިތުރަށް ފައިސާ ހޯދަން ތޫނީސިޔާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ތޫނީސިޔާގެ ބައެއް ރައްޔިތުން ބުނީ، ސަބްސިޑީގެ ދަށުން އަގު ކޮންޓްރޯލް ކޮށްފައިވާ ގިނަ ބާވަތްތަކުގެ ކާބޯތަކެތި މިހާރު ހުސްވެފައިވާ ކަމަށާއި، ފިހާރަތަކުން އެ ތަކެތި ގަންނަން ނުލިބޭ ކަމުގައެވެ. މީގެ ތެރޭގައި ތެލާއި ހަކުރާއި ބަޓަރުގެ އިތުރުން ބިސްކޯދު ފަދަ ތަކެތި ވެސް ހިމެނެއެވެ.