ޚަބަރު

ރައީސުލްޖުމްހޫރިއްޔާއަށް ދިއްގަރުން ހޫނު މަރުޙަބާއެއް


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މުލަކަތޮޅު ދިއްގަރަށް ވަޑައިގަތުމުން، ރައްޔިތުންގެ ފަރާތުން ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ދިއްގަަރަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް އެ ރަށުގެ ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ބަނދަރަށް ޖަމާވެފައެވެ. ރައީސް ވަނީ ދިއްގަރު ރައްޔިތުންނާއި ސަލާމްކުރެއްވުމަށް ގިނަ ވަގުތު ހޭދަކުރައްވާފައެވެ.

ދިއްގަރު ރައްޔިތުންގެ ފަރާތުން ރައީސް ސާލިހަށް މަރުހަބާ ދެންނެވުމަށް ވަނީ ޘަގާފީ ހަރަކާތްތަކެއްވެސް ކުރިއަށްގެންގޮސްފައެވެ.

ރައީސް ސާލިހު ވަނީ ދިއްގަރަށް ވަޑައިގެން އެރަށުގައި ސަރުކާރުން ތަރައްޤީކުރި އައުޓްޑޯ ވޮލީ ކޯޓް ގައި ކުޅެވުނު އެކުވެރިކަމުގެ ވޮލީ މެޗެއްގައި ބައިވެެރިވެވަޑައިގެންފައެވެ. މި މެޗްގައި ވާދަކުރީ ދިވެހިރާއްޖޭގެ ވެޓެރަންސް ޓީމަކާއި ދިއްގަރު ވެޓެރަންސް ޓީމެވެ. ރައީސް ކުޅުއްވީ ދިވެހިރާއްޖޭގެ ވެޓެރަންސް ޓީމަށެވެ.

ރައީސްގެ މި ދަތުރުފުޅުގައި ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް މިރޭ ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ދިއްގަރު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއިވެސް ބައްދަލުކުރައްވާނެއެވެ.