ތަޢުލީމު

އިސްލާމާއި ޤުރުއާން ކިޔަވައިދޭ ޓީޗަރުންނަށް ޑިޕްލޮމާ ކޯސްތަކެއް


އިސްލާމް އަދި ޤުރުއާން ޓީޗަރުން ލިބުން ދަތި ރަށްތަކަށް ޑިޕްލޮމާ ފެންވަރަށް ޓީޗަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.އެޑިޔުކޭޝަން މިނިސްޓްރީ އިން ވިދާޅުވީ، އެމިނިސްޓްރީ އާއި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އާއި ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ރާއްޖޭގެ ހުރިހާ އަތޮޅަކުން 80 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވާކަމަށެވެ.މި ޕްރޮގްރާމްގެ ދަށުން 4 ކޯހެއް ކުރިއަށްދާ އިރު، އޭގެ ތެރޭގައި ހިމެނެނީ ޑިޕްލޮމާ ފެންވަރަށް އިސްލާމާއި ޤުރުއާން ކިޔަވައިދޭ 1 އަހަރު ދުވަހުގެ 2 ކޯހަކާއި 2 އަހަރު ދުވަހުގެ 2 ކޯހެވެ.އެޑިޔުކޭޝަން މިނިސްޓްރީ އިން ވިދާޅުވީ، މި ތަމްރީނު ޕްރޮގްރާމްގައި ކިޔަވައިދެނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރެވިފައިވާ ޓީޗަރ ރިސޯސް ސެންޓަރ- ޓީއާރްސީ ސެންޓަރު ތަކުގައި ޤާއިމުކުރެވިފައިވާ ވީޑިއޯ ކޮންފަރެންސިންގ ގެ ނިޒާމުން ގުޅާލައިގެންކަމަށެވެ. އެހެންކަމުން ކޯހުގެ ބައިވެރިން ކިޔެވުމަށް ދާނީ ރަށާއި އެންމެ ކައިރީގައިވާ ޓީއާރްސީ އަކަށެވެ.ޑިޕްލޮމާ ފެންވަރަށް އިސްލާމް އަދި ޤުރުއާން ޓީޗަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ އަމާޒަކީ އިސްލާމް އަދި ޤުރުއާން ކިޔަވައިދޭ، ދާއިމީ ޓީޗަރުން ނުލިބޭ ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ތަމްރީނުކުރުންކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.މި ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ މިފަދަ ސްކޫލުތަކުގައި ކޮންޓްރެކްޓް އުސޫލުން ނުވަތަ ވޭޖް އެމްޕްލޯއިމަންޓުގެ އުސޫލުން މިވަގުތު މަސައްކަތްކުރާ ފަރާތްތަކާއި އަދި ކިޔަވައިދިނުމުގެ ދާއިރާއަށް އަލަށް ގުޅޭ ފަރާތްތަކެވެ.