ކުޅިވަރު

އިންޓަ ބަލިކޮށް ލާޒިއޯ ތާވަލުގެ އެއްވަނައަށް


އިޓާލިއަން ލީގުގައި އިންޓަ މިލާން ބަލިކޮށް ލީގު ތާވަލުގެ އެއްވަނައަށް ލާޒިއޯ ޖެހިލައިފިއެވެ.

ހުކުރު ދުވަހުގެރޭ ލާޒިއޯގެ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިންޓައިންނެވެ. އެކަމަކު އެ ޓީމަށް މި މެޗުގައި ލާޒިއޯގެ މައްޗަށް ކުރި ހޯދޭ ގޮތެއް ނުވިއެވެ.

މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 40 ވަނަ މިނެޓުގައި ލާޒިއޯއަށް ކާމިޔާބުކޮށްދިނީ ފިލީޕޭ އެންޑަސަންއެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައި ލައުޓާރޯ މާޓިނޭޒް ވަނީ ލަނޑެއް ޖަހައި، އިންޓައަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުގައި ލާޒިއޯއިން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗުގެ 75 ވަނަ މިނެޓުގައި ލުއިސް އެލްބާޓޯ ކާމިޔާބުކޮށްދިން ލަނޑާއެކުއެވެ. އަދި މެޗުގެ 86 ވަނަ މިނެޓުގައި ޕެޑްރޯ ވަނީ ލަނޑެއް ޖަހައި، ލާޒިއޯގެ ލީޑު ފުޅާކޮށްދީފައެވެ.

މި ކާމިޔާބީއާއެކު ލާޒިއޯ ވަނީ ކުޅުނު ތިން މެޗުން ލިބިފައިވާ ހަތް ޕޮއިންޓާއެކު ތާވަލުގެ އެއްވަނައަށް ވަގުތީ ގޮތުން އަރާފައެވެ. އަދި އިންޓަ ވަނީ ހަ ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައަށް ފަހަތަށް ޖެހިލާފައެވެ. އެކަމަކު މި ހަފުތާ ބަންދުގައި ކުޅޭ މެޗުތަކާއެކު ތާވަލަށް އިތުރު ބަދަލުތައް އައުން އެކަށީގެންވެއެވެ.