ޚަބަރު

އުތުރާއި ދެކުނުގައި މަސް ގަނެ ރައްކާކުރާ ފެސިލިޓީތައް ޤާއިމްކުރުމުގެ މަޝްރޫޢު ފެށުމާ ގާތަށް


ރާއްޖޭގެ އުތުރާއި ދެކުނުގައި މަސް ގަނެ ރައްކާކުރާ ފެސިލިޓީތައް ޤާއިމްކުރުމުގެ މަޝްރޫޢު ފަށަން ތައްޔާރުވެއްޖެއެވެ.

މިމަޝްރޫޢުގައި މިހާރު ކުރިއަށްދަނީ މި ޕްރޮޖެކްޓުގެ ޕްރީ – ޓެންޑަރިންގ ޕްރޮސެސްކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

މަސްވެރިކަމުގެ ސިނާއަަތް ކުރިއަރުވައި ފުޅާކުރުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ސައުދީ ލޯނު އެހީގައި ކުރިއަށްގެންދާ "ފިޝަރީޒް ސެކްޓަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން، ކަނޑުއޮތްގިރި އަދި ގއ ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީތައް ބޮޑުކުރުމާއެކު، އައު ކޯލްޑް ސްޓޯރޭޖް ފެސިލިޓީތައް މ.މުލަކާއި ގދ.ތިނަދޫ ގައި ޤާއިމްކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ސަރުކާރުން ނިންމާފައިވަނީ މ.މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީ އެއް ޤާއިމްކޮށް، 60 ޓަނުގެ ބްރައިން ފްރީޒިންގް ކެޕޭސިޓީ ޤާއިމްކުރުމަށެވެ. އަދި ގދ. ތިނަދޫގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީ އެއް ޤާއިމްކޮށް، ދުވާލަކަށް 80 ޓަނުގެ މަސް ގަތުމުގެ ކެޕޭސީޓީ (50 ޓަނުގެ ބްރައިން ފްރީޒިން އަދި 30 ޓަނުގެ ލޮނު ފެނުން މަސް ފިނިކުރާ ނިޒާމް) ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިހާރު މި މަޝްރޫއުގެ ޕްރީ-ޓެންޑަރިންގ ޕްރޮސެސްގެ މަސައްކަތް ކުރިއަށްދާއިރު، މި މަސައްކަތުގެ ދަށުން މަޝްރޫއަށް ކޮންސަލްޓަންޓެއް އައްޔަންކޮށް، ފެސިލިޓީތަކުގެ ކުރެހުންތައް ތައްޔާރުކޮށް، މަޝްރޫޢުކުރެއަށް ގެންދާނެ ގޮތުގެ ޕްލޭނެއް އެކުލަވާލެވޭނެއެވެ.

މ. މުލަކުގައި ޤާއިމްކުރާ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއާއި އެކު ތަރައްޤީކުރާ މަސްވެރިކަމުގެ ބަނދަރުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ. މި މަސް ބަނދަރަކީ 160މީޓަރުގެ ބަނދަރެކެވެ.

އުތުރާއި ދެކުނުގައި ޤާއިމްކުރާ މަސް ގަނެ ރައްކާކުރާ ފެސިލިޓީތަކާއި އެކު މަސްވެރިންނަށް މަސް ކިރުމުގައި ހުރި ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.