ޚަބަރު

އައްޑޫ ޕޮލިސް ކޮލެޖުގެ ފުރަތަމަ ކޯސް، 48 ފުލުހަކު ފުރިހަމަކޮށްފި!


އައްޑޫގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ބޭއްވި ފުރަތަމަ އިންސްޕެކްޓަރ ކޯސް ނިންމައި 48 ފުލުހަކު ސެޓްފިކެޓް ހާސިލްކޮށްފިއެވެ.

ފުލުހުންގެ ކޮލެޖު، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓު ރަސްމީކޮށް ހިންގަން ފެށި ފަހުން، މިހާރު ރަސްމީ ތަމްރީނު ވަނީ އެކޮލެޖުގައި ފަށާފައެވެ. މީގެ ތެރެއިން އެންމެ ފުރަތަމަ ފެށި އިންސްޕެކްޓަރ ކޯހަކީ ފުލުހުންގެ ތެރެއިން އިދާރީ ހިނގުމަށް ފުލުުހުން ޕްރޮމޯޓް ވުމުގެކުރިން ލިބެންޖެހޭ ތަމްރީނާއި ތަޖުރިބާ ދިނުމަށް ހިންގި ކޯހެކެވެ. މިއީ ފުލުހުންގެ މުޢައްސަސާއިން މިފަދަ ކޯހެއް ބާއްވައި އެންމެ ގިނަ އަދަދެއްގެ ދަރިވަރުން ދަސްވެނިވި ފަހަރުކަމަށް ފުލުހުން ވިދާޅުވެއެވެ.

މި ދަރިވަރުން ދަސްވެނިވިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. މި ރަސްމީއްޔާތުގައި ވާހަކަކަ ދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ ބަދަލުވަމުން އަންނަ ދިވެހި މުޖްތަމަޢުގައި ފުލުހުންގެ ދައުރު އިތުރުވެ ފުޅާވަމުންދާ ކަމަށެވެ. އަދި މިބަދަލުތަކަށް އަށަގަނެ ޚިދުމަތް ތަރައްޤީވާން ޖެހޭ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އެގޮތުން ފުލުހުންގެ މަސައްކަތުގެ ތެރެއިން ރައްޔިތުންގެ އެއްބާރުލުން ހޯދުމަށް އިތުރު މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް ކޮމިޝަނަރ ވަނީ ވިދާޅުވެފައެވެ.

"މިއަދު އަޅުގަނޑުމެންނަށް ފެނިގެންދަނީ އިންޓަނެޓާއި ގުޅިފައިވާ ޕްލެޓްފޯމްތަކުގައި ކުށްކުރުން އިތުރުވަމުން އަންނަތަން. އިޖްތިމާޢީ އެތައް މައްސަލައެއް ހައްލުކުރުމުގައި ފުލުހުންގެ ދައުރު އަދާކުރަން ޖެހިފައިވާތަން. ހާއްސަގޮތެއްގައި ނަފްސާނީ ދުޅަހެޔޮކަން ނެތް ފަރާތްތަކާއި ޑީލް ކުރަން ޖެހޭ ޖެހުން އިތުރުވަމުން އަންނަތަން. ރޭންކާއި އެހެން ރޯލްތަކުގައި ތިބޭ ފުލުހުން މިކަންކަމަށް އަހުލުވެރިވެ ހުނަރު ލިބި އަދި އަޅުގަނޑުމެންގެ މަސައްކަތުގެ އޮނިގަނޑު ހަރުދަނާ ކުރުމަށް މިއަދު މިވަނީ އަވަސް ވެގަންނަން ޖެހިފައި. " ސީޕީ ހަމީދު ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ އެހެން އެގޮތަށް ނުކުރާނަމަ ކިތައްމެ ބުރަ މަސައްކަތެއް މިހާރު ކުރާގޮތަށް ކުރިނަމަވެސް ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ފުލުހުންނަށް ލިބުމަކީ ދުރުކަމެއް ކަމަށެވެ.

ކޯސް ނިންމި ދަރިވަރުން ވަނީ އައްޑޫގައި ޤާއިމްކޮށްފައިވާ ތަމްރީނު މަރުކަޒަކީ އެންމެ ޒަމާނީ ވަސީލަތް ޤާއިމްވެފައިވާ ތަނެއް ކަމަށާ އެއީ ފުލުހުންގެ ޚިދުމަތަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަން ފާހަގަ ކޮށްފައެވެ.

އައްޑޫގައި ހިންގި ފުރަތަމަ އިންސްޕެކްޓަރ ކޯހުގައި ޖުމްލަ 50 ދަރިވަރުން ބައިވެރިވިއެވެ. 48 ދަރިވަރުން ވަނީ ކޯސް ނިންމާފައެވެ. މިކޯހުން އެއްވަނައަށް ގޮސްފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުފްލިހް އިބްރާހީމްއެވެ.

ހަތް ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ މިކޯހުގައި ޖިނާއީ އަދުލުގެ ނިޒާމުގައި ހުރި މުހިންމު ގާނޫނުތަކާއި ފުލުހުންގެ ގާނޫނާއި ލީޑަރޝިޕް އެންޑް މެނޭޖްމަންޓް، ޕޮލިސިންގ އެންޑް އިންވެސްޓިގޭޝަން، ސެކިއުރިޓި އެންޑް އޮޕަރޭޝަންސް ފަދަ މުހިންމު މޮޑިއުލްތައް ކިޔަވައިދީފައިވެއެވެ. އެ ކޯހަށް ބައިވެރިން ހޮވާފައިވަނީ ކޯހުގައި ބައިވެރިވުމަށް ހަދަންޖެހޭ އިމްތިހާނެއް ހެދުމަށް ފަހުއެވެ.

ފުލުހުންގެ އިންސްޕެކްޓަރ ކޯހުގެ އިތުރުން ފުލުހުން އަސާސީ ތަމްރީނު ފުރިހަމަ ކުރުމަށް ކޮލެޖުގެ ފުރަތަމަ ބެޗު ވެސް މިހާރު ވަނީ ތަމްރީނުތައް ފަށާފައެވެ.