ދުނިޔެ

ސޫރިޔާގެ 70000 މީހުން ތުރުކީގެ ސަރަހައްދީ ރޮނގާ ދިމާލަށް !


ސޫރިޔާ ގެ އިދްލިބް ސަރަޙައްދުގައި އެޤައުމުގެ ސިފައިން މިހާރު ކުރިޔަށްގެންދާ އަސްކަރީ އޮޕަރޭޝަނާ ގުޅިގެން ސޫރިޔާގެ ރައްޔިތުންގެ ހަތްދިހަ ވަރަކަށް ހާސްމީހުން ތުރުކީވިލާތުގެ ސަރަޙައްދީ ރޮނގާ ދިމާއަށް މިސްރާބު ޖަހާފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ. މިކަން ހާމަކުރައްވަމުން ތުރުކީވިލާތުގެ ބޮޑުވަޒީރު އަޙްމަދު ދާވުތުލޫ ވިދާޅުވީ ސޫރިޔާ ސިފައިންގެ ވަރުގަދަ ޙަމަލާތަކުގެ ސަބަބުން ސޫރިޔާގެ ޢާންމު ރައްޔިތުންގެ ހަތްދިހަ ވަރަކަށް ހާސްމީހުން ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދަތުރުފަށާފައިވާއިރު އެމީހުންގެ މިސްރާބު ހުރީ ތުރުކީވިލާތާ ދިމާލަށް ކަމަށެވެ. ސޫރިޔާ ގެ އިދްލިބް ސަރަޙައްދުގައި އެޤައުމުގެ ސިފައިން މިހާރު ކުރިޔަށްގެންދާ އަސްކަރީ އޮޕަރޭޝަންގެ މައިގަނޑު ބޭނުމަކީ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ހަނގުރާމަވެރިންނަށް ތުރުކީގެ މަގުން ލިބެމުންދާ ހަތިޔާރުގެ ސަޕްލައިގެ މަގުތައް ބަންދުކޮށްލުން ކަމަށާ މިކަން މިހާރުވަނީ ކާމިޔާބުވުމުގެ މަގުމަތީގައި ރިޕޯޓްތައް ބުނެއެވެ. ސޫރިޔާ ސިފައިން ފަށާފައިވާ މިއޮޕަރޭޝަންގައި ރަޝިޔާގެ ވައިގެ ސިފައިން ބައިވެރިވަމުން ދާކަމަށް ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.