ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ނިއުކްލިޔަރ ކާރިސާއެއް ނުހިނގާ ސަލާމަތްވީ ކިރިޔާ ކަމުގައި ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. ރޭޑިޔޭޝަން ލީކުވެ، ނިއުކްލިޔަރ ކާރިސާއެއް ހިނގައިފާނެ ކަމަށް ބެލެވުނީ، ޔޫކްރެއިނުގެ އިރުދެކުނުގައިވާ ޒަޕޮރީޜީޔާގައި ހުންނަ ނިއުކްލިޔަރ ހަކަތަ އުފައްދާ ޕްލާންޓަށް ކަރަންޓު ދިނުމަށް ބޭނުން ކުރާ ކޭބަލްތަކެއްގައި ރޯވެ، އެ ތަނުން ކަރަންޓު ކެނޑުމުންނެވެ.
ވިލާތުގައި ހުންނަ ނިއުކްލިޔަރ ހަކަތަ އުފައްދާ އެންމެ ބޮޑު ޕްލާންޓު ކަމުގައިވާ ޒަޕޮރީޜިޔާ ޕްލާންޓު އޮތީ ރަޝިޔާ ސިފައިންގެ އަތްދަށުގައެވެ. ޔޫކްރެއިނުގެ ކަރަންޓު ވިއުގަ މެދުވެރިކޮށް އެ ތަނަށް ކަރަންޓު ދިނުމަށް ބޭނުން ކުރާ ކޭބަލްތައް އަލިފާނުގެ ހާދިސާގައި ވަނީ ހަލާކުވެފައެވެ. އަދި އެ ތަނުން ކަރަންޓު ކެނޑިފައެވެ. އެ ތަން ހިންގުމުގެ މަސައްކަތް އަދި ވެސް ކުރަނީ ޔޫކްރެއިނުގެ މުވައްޒަފުންނެވެ.
"ކަރަންޓު ކެނޑުނު ވަގުތު، އެ ތަނުގައި ހުރި ޑީސަލް ޖަނަރޭޓަރުތައް ހިނގައިނުގަތް ނަމަ، އަދި ޔޫކްރެއިނުގެ މުވައްޒަފުން ވަގުތުން އެތަނަށް ކަރަންޓު ދޭން މަސައްކަތް ނުކުރި ނަމަ، އެ ތަނުން ރޭޑިއޭޝަން ލީކުވުމުގެ ހާދިސާއެއް ހިނގީސް. އަދި ނުރައްކާތެރި ނިއުކްލިޔަރ ކާރިސާއަކާ ކުރިމަތިލާން ޖެހުނީސް،" ޒެލެންސްކީ ވިދާޅުވިއެވެ.
ޒެލެންސްކީ ވިދާޅުވީ، އެ ތަނުން ކަރަންޓު ކެނޑުނީ، ރަޝިޔާ ސިފައިން ދިން ހަމަލާތަކެއްގައި ކަމުގައެވެ. ނިއުކްލިޔަރ ޕްލާންޓު ކައިރީގައި ރޯވެފައިވާ ބިޔަ އަލިފާންގަނޑެއް ސެޓެލައިޓް މެދުވެރިކޮށް ނަގާފައިވާ ފޮޓޯތަކުން ފެނެއެވެ. މިއީ، ތާރީޚުގައި ވެސް ޔޫކްރެއިނުގެ ކަރަންޓު ވިއުގައިން އެ ޕްލާންޓު ވަކިވި ފުރަތަމަ ފަހަރެވެ.
"ނިއުކްލިޔަރ ހަކަތަ އުފައްދާ ޕްލާންޓުތައް ހިންގުމަށް، އަދި ރައްކާތެރިކަން ދެމެހެއްޓުމަށް އެ ތަންތަނަށް ވަކީން ކަރަންޓު ދޭން ޖެހޭ. ޕްލާންޓަށް ކަރަންޓު ލިބޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަން ޖެހޭނީ އެ ތަންތަނާ ދުރުގައި،" އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އޭޖެންސީ (އައި.އޭ.އީ.އޭ)އިން ބުނެއެވެ. ޒަޕޮރީޜިޔާ ޕްލާންޓު ކައިރީގައި ހުރި އިންޖީނުގެއަކުން މިހާރު އެ ތަނަށް ކަރަންޓު ދެމުންދާ ކަމަށް ވެސް އެ އޭޖެންސީއިން ބުނެއެވެ.
އެ ތަނުގެ ކޭބަލްތަކަށް ގެއްލުންވުމުގެ ސަބަބުން ޔޫކްރެއިނުގެ ބައެއް ސަރަޙައްދުތަކުން ވަނީ ކަރަންޓުގެ ޚިދުމަތް ކެނޑިފައެވެ. އެ ކޭބަލްތައް މިހާރު ވަނީ މަރާމާތު ކޮށްފައެވެ. ނަމަވެސް، ޔޫކްރެއިނަށް ކަރަންޓު ދޭން ފަށާފައެއް ނުވެއެވެ. ޔޫކްރެއިނުގައި ބޭނުން ކުރާ ކަރަންޓުގެ ފަސްބައިކުޅަ އެއްބައި ފޯރުކޮށްދެނީ ޒަޕޮރީޜިޔާ ޕްލާންޓުންނެވެ.
"ޒަޕޮރީޜިޔާ ޕްލާންޓު ކައިރީގައި ކޮންމެ ދުވަހަކު ވެސް ނުރައްކާތެރި ހާދިސާއެއް އެބަ ހިނގާ. މިއީ ވަރަށް ނުރައްކާތެރި ކަމެއް. އެ ތަން ނުރައްކަލަށް ހުށަހަޅައިގެން އެންމެ ދުވަހެއް ވެސް ބޭކާރު ކުރެވޭކަށް ނެތް،" އައި.އޭ.އީ.އޭ.ގެ ޑިރެކްޓަރ ޖެނެރަލް ރަފަޔަލް ގްރޮޓްސީ ވިދާޅުވިއެވެ. ހަނގުރާމައާ ގުޅިގެން އެ ތަނަށް ލިބިފައިވާ ގެއްލުންތައް ބެލުމަށް އެ ތަނަށް ދަތުރު ކުރުމުގެ ފުރުޞަތު ހޯދަން އައި.އޭ.އީ.އޭ.އިން ދަނީ މަސައްކަތް ކުރަމުންނެވެ.
ރަޝިޔާއިން ބުނަނީ، އެ ތަނުގައި ބޭނުން ކުރާ ކޭބަލްތަކުގައި ރޯވެފައި ވަނީ ޔޫކްރެއިނުން ދިން ހަމަލާތަކެއްގައި ކަމުގައެވެ. ޔޫކްރެއިނުން އެ ކަން ދޮގު ކުރެއެވެ. އަދި، ޔޫކްރެއިނުގެ ކަރަންޓު ވިއުގައިން އެ ތަން ވަކިކޮށް، ރަޝިޔާގެ ވިއުގައާ ގުޅައި، ރަޝިޔާއަށް ކަރަންޓުގެ ޚިދުމަތް ދޭން އެ ޤައުމުން މަސައްކަތް ކުރަމުންދާ ކަމުގައި ޔޫކްރެއިނުން ތުހުމަތު ކުރެއެވެ.
"އެ ތަނުން އުފައްދާ ކަރަންޓަކީ ޔޫކްރެއިނުގެ ރައްޔިތުންގެ ހައްޤެއް. ނިއުކްލިޔަރ ޕްލާންޓެއް ހަނގުރާމައިގެ މައިދާނަކަށް ބަދަލު ކޮށްލުމަކީ އެއްވެސް ޤައުމަކުން ކޮށްގެން ވާނެ ފަދަ ކަމެއް ނޫން،" މި ހާދިސާއާ ގުޅިގެން ނުރުހުން ފާޅު ކުރުމުގެ ގޮތުން އެމެރިކާއިން ބުންޏެވެ. ރަޝިޔާގެ ފައުޖުތަކުން ފެބުރުވަރީ 24 ގައި ޔޫކްރެއިނަށް އަރައި ފެށި ހަނގުރާމައިގައި ޒަޕޮރީޜިޔާ ޕްލާންޓު އެ މީހުންގެ އަތްދަށަށް ގެންގޮސްފައި ވަނީ މާރިޗު މަހުގެ ތެރޭގައެވެ.