ދުނިޔެ

ރެފިއުޖީންނަށް އެހީވުމަށް ލަންޑަންގައި މަހާސިންތާއެއް !


ސޫރިޔާގެ ރެފިއުޖީންނާ އަދި ހަނގުރާމައިގެ ސަބަބުން ޙާލުގައިޖެހިފައިވާ އެޤައުމުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ހޯދުމުގެ މަޤްޞަދުގައި ލަންޑަންގައި ފަށާ މަހާސިންތާގެ އަމާޒަކީ ނުވަ ބިލިޔަން ޑޮލަރު ހޯދުންކަމަށް އދ. އިން ބުނެފިއެވެ. މި މަހާސިންތާ އިންތިޒާމް ކުރުމުގައި އިސްކޮށް އުޅުއްވާ އދ. ގެ މަސްއޫލުވެރިން ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ ސޫރިޔާގެ އަށާރަ މިލިޔަން މީހުންނަށް ކެއިން ބުއިމާއި ވަގުތީ ހިޔާވަހި ކަމާ އަދި ތަޢުލީމާއި ސިއްޙަތަށް މިއަހަރަށާ އަދި ކުރިޔަށްއޮތް އަހަރަށް މަދުވެގެން 9 ބިލިޔަން ޑޮލަރު ބޭނުންވާކަމަށެވެ. މި މަހާސިންތާގައި ދުނިޔޭގެ ހަތްދިހަ ޤައުމެއްގެ ވެރިން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ބެލެވިފައިވާއިރު މީގެތެރޭގައި ޖަރުމަނުވިލާތާއި ކުވައިތާ އަދި ނޯވޭގެ އިސްވެރިން ހިމެނެއެވެ. މިމަހާސިންތާގައި ޤައުމުތަކުގެ އިތުރުން އދ. ގެ ދަށުން ހަރަކާތްތެރިވާ ޖަމްޢިއްޔާ ތަކާއި އިންސާނީ އެހީގެ ފޯރުވައިދިނުމުގައި ޙަރަކާތްތެރިވާ މަދަނީ ޖަމްއިޢްޔާ ޖަމާޢަތްތައްވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.