ޚަބަރު

މަސްދޯނިތަކުގައި ކޯޓާ ނުނަގާ ބިދޭސީން މަސައްކަތްކުރާ މައްސަލައަށް ހައްލު ހޯދަނީ


މަސް ދޯނިފަހަރުގައި ކޯޓާ ނުނަގާ ބިދޭސީން މަސައްކަތްކުރާ މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މަސް ދޯނިފަހަރުގައި ބިދޭސީން ގެންގުޅެވޭނެ ވަކި އުސޫލެއް މިނިސްޓްރީން ކަނޑައަޅާފައިވާއިރު، އެފަދަ ބިދޭސީންނަށް ޚާއްސަ ކޯޓާއެއްވެސް މިނިސްޓްރީން ނަގަން ޖެހެއެވެ.

2020ވަނަ އަހަރު ނެރެފައިވާ މަސްވެރިކަމުގެ ގަވާއިދުގައިވާގޮތުން، މަސްދޯނި ފަހަރުގައި ގިނަވެގެން 2 ބިދޭސީންނަށް މަސައްކަތްކުރުމުގެ ހުއްދަ އޮންނަ އިރު، ބިދޭސީންނަށް އުޅަނދުގެ ސެކިއުރިޓީ ބެލެހެއްޓުމާއި، އުޅަނދުގެ ކައްކާއެއްގެ ގޮތުގައި ނުވަތަ ސާފުކުރާ މީހެއްގެ ގޮތުގައި މަސައްކަތްކުރުމަށް ކޯޓާ ދޫކުރެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ އޮފް ފިޝަރީޒް ކޮމްޕްލަޔަންސް އަހުމަދު ޝިފާޒް ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުުރުމަށް އެކި އިދާރާތައް ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށެވެ.

" އެއްމެ އިދާރާއަކުން ހައްލު ނުކުރެވޭނެ މިކަމެއް، ފިޝަރީޒް މިނިސްޓްރީން ދަނީ މަސްވެރިންނަށް މައުލޫމާތުތައް ދީ، ކޯޓާ ނެގުމަށް ބާރު އަޅަމުން، އަދި އެއަށްފަހު ކަމާއި ގުޅޭ އިދާރާތަކާއި ގުޅިގެން އޮޕަރޭޝަނެއް ހިނގުމަށްވެސް ވަނީ ރާވާފައި،" ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ މިފަދަ އޮޕަރޭޝަނެއް ހިނގާނެ ގޮތަކާއި މެދު ކަމާއި ގުޅޭ އިދާރާތަކާއި އެކު މަޝްވަރާތައް ކުރެވިފައިވާ ކަމަށާއި، އަޅާނެ ފިޔަވަޅުތަކާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

ރާއްޖޭގައި ކުރާ މަސްވެރިކަމަކީ ދިވެހިންގެ ސަޤާފަތާއި ގުޅިފައިވާ ކަމަކަށްވުމުން، މިކަމުގައި ބިދޭސީންގެ ހިއްސާ އޮންނަ މިންވަރު ވަކި ކޮންޓްރޯލެއްގެ ތެރޭގައި އޮތުމަކީ މުޅި ސިނާއަތުގެ ކުރިމަގަށްވެސް މުހިއްމު ކަމެއް ކަމަށް ޝިފާޒު ވިދާޅުވިއެވެ.

" މަސްވެރިކަމުގައި ދިވެހި ވަންތަކަން އޮންނަ ޖެހޭ މިންވަރު ނުވަތަ މުސްތަޤުބަލުގައި އޮންނާނެ މިންވަރު، ތަސައްވަރުކުރުމުގައިވެސް މުހިންމުވޭ، ބޭރު މީހުން ނުވަތަ ބިދޭސީން، ހަރަކާތްތެރިވެވޭނެ އަދަދެއް ނުވަތަ ދާއިރާތައް ކަނޑައެޅިފައި އޮތުން، ނޫނީ މި ސިނާއަތް ބިދޭސީންގެ މަސްވެރިކަމަކަށް ވެދާނެ،" ޝިފާޒް ވިދާޅުވިއެވެ.

މަސްވެރިކަމުގައި ހަރަކާތްތެރިވާ ބިދޭސީންގެ އަދަދުތައް އިތުރުވަމުން ދިޔުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. މީގެ ކުރިން އިކޮނޮމިކް މިނިސްޓްރީން ވަނީ މަސް ދޯނި ފަހަރުގައި މަސައްކަތްކުރުމަށް ބިދޭސީންގެ ކޯޓާއަށް އެދޭ މިންވަރު އިތުރުވަމުންދާ ކަމަށް ވިދާޅުވެފައެވެ.

ފިޝަރީޒް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ގާތްގަނޑަކަށް 750 ދޯންޏަކަށް މަސްވެރިކަންކުރުމަށް ލައިސަންސް ދޫކޮށްފައިވެއެވެ. އަދި މަސްވެރިންގެ ގޮތުގައި 17000 އެއްހާ މަސައްކަތްކުރާ ކަމަށް ފިޝަރީޒް މިނިސްޓްރީން އަންދާޒާކުރެއެވެ.