ޚަބަރު

ސަނީ ޑިއޯލްގެ "ޗުޕް" އަންނަ މަހު ރިލީޒްކުރަނީ


ހިންދީ ސިނަމާގެ ކުރީގެ ވަރުގަދަ ޝަހުސިއްޔަތެއް ކަމަށްވާ ގުރޫ ދަތަށް ބިނާކޮށް އުފައްދާ ފިލްމު "ޗުޕް: ރިވެންޖް އޮފް ދަ އާޓިސްޓް" ސިނަމާތަކަށް ގެންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

މިއީ ބޮލީވުޑް ތަރި ސަނީ ޑިއޯލް އާއިއެކު އުފައްދަން މިދިޔަ އަހަރު އިއުލާނުކުރި ޑައިރެކްޓަރު އާރް ބަލްކީގެ ފިލްމެކެވެ. މި ފިލްމަކީ "ޗީނީ ކަމް"، "ކީ އެންޑް ކާ"، "ޝަމީތާބް"، "ޕެޑްމޭން" އަދި "ޕާ" ފަދަ ފިލްމުތައް ޑައިރެކްޓުކޮށްފައިވާ ބަލްކީގެ ފުރަތަމަ ތްރިލާއެވެ. މީގެ މޯޝަން ޕޯސްޓަރުވެސް މީގެކުރިން ވަނީ ދައްކާލާފައެވެ.

ސައިކޮލޮޖިކަލް ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ ފިލްމުގެ މޯޝަން ޕޯސްޓަރު ދައްކަލާފައިވަނީ ބެކްގްރައުންޑުން ގްރޫ ދަތުގެ ތަސްވީރަކާއި އޭނާގެ ފިލްމުގެ ލަވައެއްގެ ތަންކޮޅަކާވެސް އެކީގައެވެ.

ސަނީ ޑިއޯލް ވަނީ "ޗުޕް: ރިވެންޖް އޮފް ދަ އާޓިސްޓް"ގެ މޯޝަން ޕޯސްޓަރެއްވެސް ހިއްސާކޮށްފަ އެވެ. އާރް ބަލްކީ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ ރާކޭޝް ޖުންޖުންވާލާ، އަނިލް ނައިދޫ، ޑރ.ޖަޔަންތިލާލް ގާޑާ، އަދި ގައުރީ ޝިންޑޭ އެވެ. އަސްލު ވާހަކައަކީ އާރް ބަލްކީގެ ވާހަކައެއް ކަމަށާއި، ސްކްރީންޕްލޭ އާއި ޑައިލޮގްތައް ކޯ ރައިޓްކޮށްފައިވަނީ އާރް ބަލްކީ އާއި ކްރިޓިކް އަށް ބަދަލުވި ރާޖާ ސެން އާއި ރިޝީ ވިރްމާނީ އެވެ.

މި ފިލްމުގެ ކާސްޓްގައި ސަނީގެ އިތުރުން ޕޫޖާ ބަޓާއި ޒުވާން ދެ ތަރިން ކަމަށްވާ ޝްރިޔާ ދަންވަންތަރީ އާއި އިންޑިއާގެ ދެކުނުގެ ތަރި ދަލްގޫރް ސަލްމާން ވެސް ހިމެނެ އެވެ. މީގެއިތުރުން އަމީތާބް ބައްޗަން ވެސް "ޗުޕް" ގެ ހާއްސަ ރޯލަކުން ފެންނާނެއެވެ.


މި ފިލްމަކީ 2019 ވަނަ އަހަރު އުފެއްދި ފިލްމު "ބްލޭންކް" އަށް ފަހު ސަނީ ޑިއޯލް އެނބުރި އައުމާއި 2019 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ދަ ޒޯޔާ ފެކްޓަރ" އަށް ފަހު ޑަލްކަރ އެނބުރި ހިންދީ ސިނަމާއަށް އައުމެވެ. މިއީ 2019 ވަނަ އަހަރު އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާގެ މެމްބަރަކަށް ސަނީ އިންތިހާބުވި ފަހުން ކުޅުނު ފުރަތަމަ ފިލްމެވެ.

ގުރޫ ދަތަކީ 1950-1960 ގެ އަހަރުތަކުގެ ކުރީކޮޅު ހިންދީ ސިނަމާގައި ވިދާލި ނުފޫޒު ގަދަ ޝަހުސިއްޔަތެކެވެ. ލޯބީގެ ހިތްދަތި ތަޖުރިބާތަކަކަށް ފަހު ރަލާއި ނިދާ ބޭހަށް ދެވިހިފައި އެ އެއްޗިއްސަށް އެވަޑޯޒްވެގެން ގުރޫ ދަތު މަރުވީ 1964 ގައެވެ. އޭރު އޭނާގެ އުމުރަކީ 39 އަހަރެވެ.

ގްރޫ ދަތުގެ ބައެއް ފިލްމުތަކަކީ ހިންދީ ސިނަމާގައި ފާހަކޮށްލެވޭ އެންމެ އައިކޮނިކް ފިލްމުތަކެވެ. އޭގެ ތެރޭގައި 1957 ވަނަ އަހަރު ދެއްކި "ޕިޔާސާ"، 1959 ވަނަ އަހަރު ދެއްކި "ކާގަޒް ކޭ ޕޫލް"، 1960 ވަނަ އަހަރު ދެއްކި "ޗޯންދުވީ ކަ ޗާންދް" އަދި 1962 ވަނަ އަހަރު ދެއްކި "ސާހިބް ބީވީ އޯރް ގްލާމް" ހިމެނެއެވެ.

އެކްޓަރެއްގެ އިތުރުން ގްރޫ ދަތަކީ ޑައިރެކްޓަރެއް އަދި ލަވަކިޔުންތެރިއެއް ވެސްމެއެވެ. އޭނާގެ ހަޔާތުގެ ވާހަކައާ ގުޅުވައިގެން ބަލްކީގެ "ޗުޕް" ގެނެސްދޭން ނިންމި އިރު، ގްރޫ ދަތުގެ ބައޮގްރަފިކަލް ޑްރާމާއެއް ހެދުމަކީ ވެސް ވަރަށް ގިނަ ޑައިރެކްޓަރުން ޝައުގުވެރިކަން ފާޅުކޮށްކޮށްފައިވާ ކަމެކެވެ.