ނަމާދުކުރާ އަޑު ބޭރަށް ނީވޭ ގޮތް ހަދަން މިސްކިތަކުގެ އިމާމުންނަށް އަންގާ ސަރކިއުލާއެއް ފޮނުވާފައިވާކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާއި ޚިލާފު ވާހަކަތަކެއްކަމަށް އިސްލާމިކް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީއިން ވިދާޅުވީ މިސްކިތުގައި ކިޔަވާ އަޑު ބޭރަށް ނީވޭނެހެން ނަމާދުކުރުމަށް އެމިނިސްޓްރީން ނާންގާނެކަމަށާއި އެއީ ޒަމާނުއްސުރެ ޢާއްމުކޮށް އެކަން ކުރަމުން އަންނަ އުސޫލުކަމަށެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިސްކިތްތަކުގައި ބަންގި ގޮވުމަށް ބޭނުންކުރަނީ ލައުޑް ސްޕީކަރުތައްކަމަށާއި ނަމާދުކުރާ ވަގުތުތަކުގައި މިސްކިތުގެ އެތެރެއަށް އިމާމުގެ އަޑު ރަނގަޅަށް އިވޭނެ ފަދައިން ހަރުކުރެވިފައިވާ ސައުންޑް ސިސްޓަމް ހުންނާނެކަމަށެވެ. މިގޮތަށް އިންތިޒާމު ކުރެވިފައިވީނަމަވެސް ބައެއް މިސްކިތްތަކުގައި އިމާމުން ނަމާދު ކުރާއިރުވެސް ބޭނުންކުރަނީ ބަންގި ގޮވުމަށް ބޭނުންކުރާ ލައުޑް ސްޕީކަރުތައްކަމަށާއި މީގެ ސަބަބުން މިސްކިތްތައް ހިމެނޭ ސަރަޙައްދުގައި ދިރިއުޅޭ ގޭބިސީތަކުން އެކަމުގެ ޝަކުވާ މިނިސްޓްރީއަށް ހުށައަޅާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ބައެއް މިސްކިތްތަކުން އެހެން މިސްކިތްތަކާއި ޚިލާފަށް އަޑުގަދަކަމަށް ބުނެ ޢާއްމުންގެ ފަރާތުން ޝަކުވާ ލިބިފައިވާކަމަށެވެ. އެހެންކަމުން ނަމާދުކުރާ ގަޑިތަކުގެ ލައުޑް ސްޕީކަރުގެ ބަދަލުގައި މިސްކިތްތަކުގެ އެތެރެއަށް އަޑު އިވޭނެހެން ޤާއިމުކޮށްފައިވާ ސައުންޑް ސިސްޓަމް ބޭނުންކުރުމަށް ބައެއް މިސްކިތްތަކުގެ އިމާމުންނަށް އަންގާފައިވާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ބައެއް މީޑިއާތަކުގައި މިޚަބަރުތައް ގެނެސްދީފައިވަނީ ހަގީގަތާއި ޚިލާފަށް ރައްޔިތުންނަށް އޮޅޭގޮތަށްކަމަށެވެ.