ޚަބަރު

ދަފްތަރުގައި މިހާތަނަށް 10000 އަށްވުރެ ގިނަ މަސްވެރިން


މަސްވެރިންގެ ދަފްތަރުގައި މިހާތަނަށް 10000 އަށްވުރެ ގިނަ މަސްވެރިން ރަޖިސްޓްރީވެފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މަސްވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއަރުވައި ހަރުދަނާކުރުމަށް ފިޝަރީޒް މިނިސްޓްރީން ދަނީ މަސްވެރިންގެ ދަފްތަރެއް އެކުލަވާލުމަށް މަސައްކަތްކުރަމުންވެެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ އޮފް ފިޝަރީޒް ކޮމްޕްލައެންސް އަހުމަދު ޝިފާޒް ވިދާޅުވީ މިހާތަނަށް 10000 އަށްވުރެ ގިނަ މަސްވެރިން ދަފްތަރުގައި ރަޖިސްޓްރީވެފައިވާއިރު، ރާއްޖޭގައި އުޅޭ ހުރިހާ މަސްވެރިން ދަފްތަރުގައި ހިމެނުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

" އަޅުގަނޑު ޤަބޫލުކުރާގޮތުގައި، ރާއްޖޭގައި ގާތްގަނޑަކަށް 17000 ނުވަތަ 18000 މަސްވެރިން އެބަ ހަރަކާތްތެރިވޭ، މި އަދަދުތަށް އަދި އިތުރުވާނެ އެހެން ވީމައި، މަސްވެރިންގެ ދަފްތަރުގައި އަދި ހުރިހާ މަސްވެރިން އެބަހުއްޓެކޭ ނުދަންނަވާނަން،" ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ މަސްވެރިންގެ ދަފްތަރުގައި ފާނައިގެ މަސްވެރިކަމާއި، ކަނޑުމަހުގެ މަސްވެރިކަންކުރާ ފަރާތްތަކުގެ މައުލޫމާތު ވަރަށް ބޮޑަށް އެއްކުރެވިފައިވާކަމަށެވެ. އަދި މިހާރު މަސައްކަތްކުރަމުން ދަނީ އޮންލައިން ޕްލެޓުފޯމެއް މެދުވެރިކޮށް، މަސްވެެރިކަންކުރާ ފަރާތްތަކުގެ މައުލޫމާތު އެއްކުރުމަށް މަސައްކަތްކުރަމުންދާކަމަށް ޝިފާޒް ވިދާޅުވިއެވެ.

"މިހާރު ތައްޔާރުވަމުން ދަނީ އޮންލައިން ޕްލެޓުފޯމެއް މެދުވެރިކޮށް، ރަށްފުށުގައި ތަންކޮޅެއް ކުދި ސްކޭލްގައި މަސްވެރިކަން ކުރާ ފަރާތްތައް، އެފަރާތަކުގެ މައިގަނޑު އާމްދަނީ އަކީ މަސްވެރިކަމުން ލިބޭ އާމްދަނީ ކަމުގައިވާނަމަ، މި ބަލަނީ މަސްވެރިންގެ ގޮތުގައި،" ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް ފާހަގަކުރެއްވި ގޮތުގައި ރަށްރަށުގެ ކައުންސިލްތަކުގެ އެހީގައިވެސް ގިނަ އަދަދެއްގެ މަސްވެރިންގެ މައުލޫމަތުތައްވެސް ހޯދިފައިވާކަމަށެވެ. އަދި މިނިސްޓްރީން މަސައްކަތްކުރަމުންދަނީ ދަފްތަރު ތަރައްޤީކޮށް، ރާއްޖޭގެ ހުރިހާ މަސްވެރިންގެ މައުލޫމާާތު ދަފްތަރުގައި ރެކޯޑުކޮށް ދާއިމީގޮތަކަށް އެކަން ބެލެހެއްޓޭނެ ނިޒާމެއް ޤާއިމް ކުރުމަށެވެ.