ޚަބަރު

އައިޖީއެމްއެޗުގައި ކީމޯ ތެރަޕީ ސުއިޓެއް ހުޅުވައިފި


ރާއްޖޭގައި ރައްޔިތުންނަށް ކެންސަރުބަލީގެ ފަރުވާ ދެއްވުމުގެ އިންތިޒާމްކުރައްވައި، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި ކީމޮތެރަޕީ ކުލިނިކެއް މިއަދު ހުޅުއްވައިފިއެވެ. ދުނިޔޭގެ ކެންސަރުބަލީގެ ދުވަހު މި ހުޅުއްވި ކީމޯ ތެރަޕީ ސުއިޓް ހުޅުއްވައިދެއްވީ އައިޖީއެމްއެޗުގައި މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތެއްގައި ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމެވެ. ކެންސަރީގެ ބައްޔަށް ދެވޭ ކީމޮތެރަޕީގެ ފަރުވާ އައިޖީއެމްއެޗުގައި މި ފެއްޓެވީ މުޅިން އަލަށެވެ.ރާއްޖޭގައި ކެންސަރު ބައްޔަށް ފަރުވާކުރެވޭނެ ގޮތް ހައްދަވައިދެއްވުމަކީ ރައިސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރިޔާސީ ވަޢުދެެކެވެ. ކެންސަރު ބައްޔަކީ މީގެ ކުރިން ރާއްޖޭގައި ފަރުވާކުރެވޭ ބައްޔަކަށްނުވާއިރު، މި ބައްޔަށް ފަރުވާދެއްވުމަށް ސަރުކާރުން ވަރަށް ބޮޑު ޚަރަދުކުރައްވަން ޖެހިވަޑައިގެންނަވައެވެ. އެގޮތުން އާސަންދަ މެދުވެރިކުރައްވައި މިހާތަނަށް 3420 މީހުން ކެންސަރު ބަލީގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުއްވައިގެން ބޮޑެތި ޚަރަދުތައް ކުރައްވާފައިވާކަމަށް ރެކޯޑުތަކުން ދައްކައެވެ. ކީމޯ ތެރެޕީ ސުއިޓު ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ އިރުތިޝާމް ޢާދަމް ވިދާޅުވީ، ރާއްޖޭގައި ކެންސަރު ބަލީގެ މީހުން ދުވަހުން ދުވަހަށް އިތުރުވަމުންދާކަން ފާހަގަކުރެއްވިފައިވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި، ޢާންމުކޮށް ކެންސަރުޖެހޭ ކަމަށް ރާއްޖޭގައި ކުރިން ފާހަގަކުރެވޭ ޢުމުރުފުރައަކީ ސާޅިސް އެއްއަހަރާއި ފަންސާސް އަހަރާ ދެމެދު ކަމަށްވިޔަސް، މިހާރު އެ ޢުމުރު މިހާރު ވަނީ ދަށްވެފައެވެ. މިހާރު ރާއްޖޭގައި ޢާންމުކޮށް ކެންސަރުޖެހޭ ޢުމުރަކީ، ފަންސަވީސް އަހަރާއި ތިރީސްއަހަރާ ދެމެދު ޢުމުރުފުރާއެވެ.މިނިސްޓަރ ވިދާޅުވީ، ކެންސަރު ބަލީގެ މީހުންނަށް ރާއްޖެއިން ބޭރުން ފަރުވާކުރުމަށް ބޮޑު ތަކުލީފެއް އުފުލަވަމުން ގެންދާކަމަށެވެ. އެހެންނަމަވެސް އައިޖީއެމްއެޗުގައި އަލަށް މި ޤާއިމްކުރެއްވި ކީމޯ ތެރެޕީގެ ޚިދުމަތަކާއެކު އެފަރާތްތަކަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ. ކީމޯ ތެރަޕީގެ ޚިދުމަތް ދިނުމަށް ބޭނުންވާ ޑޮކްޓަރުންނާއި ނަރުހުން ތަމްރީނުކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ހެލްތް މިނިސްޓަރ ހާމަކުރެއްވިއެވެ.  މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ކެންސަރު ބަލީގެ ޙާލަތު ދެނެގަތުމަށް ނޭޝަނަލް ރަޖިސްޓްރީއެއް އެކުލަވާލެއްވުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަށެވެ.  މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އައިޖީއެމްއެޗްގެ ސީއީއޯ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާރޑް ފަރުހަތު ޝަހީރު ވިދާޅުވީ، އައިޖީއެމްއެޗުގެ ރިޕްރޮޑަކްޓިވް ހެލްތް ޔުނިޓުން ކެންސަރަށް ސްކްރީންކުރުމުގެ ޚިދުމަތް މިހާރުވެސް ދެއްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އައިޖީއެމްއެޗުގައި ހުންނަ ރިޕްރޮޑަކްޓިވް ހެލްތް ޔުނިޓް މެދުވެރިކޮށް 250 އަހަރެއްގެ ތެރޭގައި ސްކްރީން ކުރައްވަމުން ގެންދަވާ ކަމަށެވެ.ރާއްޖޭގައި އެންމެ ގިނައިން ފެންނަ ކެންސަރުގެ ބަލިތަކަކީ، ފުއްޕާމޭގެ ކެންސަރާއި، އުރަމަތީގެ ކެންސަރާއި، އަނގައިގެ ކެންސަރުގެ އިތުރުން ރަޙިމުގެ ދޮރަށް ޖެހޭ ކެންސަރެވެ. އަދި ކެންސަރުގެ ބަލީގެ ބާވަތްތައް ޢާންމުކޮށް ޖެހޭ ސަބަބުތަކުގެ ތެރޭގައި ދުންފަތުގެ އިސްތިޢުމާލްކުރުމާއި، މަސްތުވާތަކެތި ބޭނުންކުރާ މިންވަރު އިތުރުވުމާއި، ޞިއްޙަތަށް ނުރައްކާތެރި ކެއުމާއި ބުއިންތަކާއި، އެކަށީގެންވާ ވަރަށް ކަސްރަތުނުކުރުން ފަދަ ކަންކަން ހިމެނޭކަމަށް ޞިއްޙީ މާހިރުން ވިދާޅުވެފައެވެ.އައިޖީއެމްެޗުގައި ހުޅުވި ކީމޯ ތެރަޕީ ސުއިޓުގައި މިވަގުތު ދެމިހުންނަށް ޚިދުމަތް ދިން ކަމުގައިވިޔަސް، މިއަހަރުގެ ތެރޭގައި އެތަން ތަރައްޤީކޮށް އެއްފަހަރާ ގިނަ ބަޔަކަށް ޚިދުމަތް ދެވިގެންދާނެ ކަމަށް އައިޖީއެމްއެޗުން މައުލޫމާތު ދެއްވާފައިވެއެވެ.