ރަޝިޔާއިން ޔޫކްރެއިނަށް އަރައި ފަށާފައިވާ ހަނގުރާމައާއި ރަޝިޔާގެ ފަސާދައިން އިނގިރޭސި ވިލާތުގެ ރައްޔިތުންނަށް ސަލާމަތް ވެވޭނީ ހިތްވަރާއި ކެތްތެރިކަން އިސްކޮށްގެން ކަމުގައި އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ވިދާޅުވެއްޖެއެވެ. ޔޫކްރެއިންގެ 31 ވަނަ މިނިވަން ދުވަހާ ދިމާކޮށް އޭނާ މިހެން ވިދާޅުވީ، ޔޫކްރެއިނުގެ ވެރިރަށް ކީވަށް ވަޑައިގަންނަވައި، އެ ޤައުމުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރަޝިޔާއިން ފަށާފައިވާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން، ތެލުގެ ސަބްސިޑީ ދީގެން އަގުތައް ކޮންޓްރޯލް ކޮށްފައިވާ ޤައުމުތަކުގެ ސަރުކާރުތަކަށް ބޮޑު ހޭދައެއް ކުރަން ޖެހިފައިވާ އިރު، އެ ޤައުމުތަކުގެ ސަރުކާރުތަކުގެ ޚަރަދުތައް ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އަދި، ކާބޯތަކެތީގެ އަގުތައް އުފުލުމުގެ ސަބަބުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތަކެއް މިލިޔަން މީހުންނަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ވަނީ ދަތިވެފައެވެ.
މި ކަންކަމުން އަރައިގަނެވޭނީ ހިތްވަރާއި ކެތްތެރިކަން އިސްކޮށްގެން ކަމަށް ޖޮންސަން ވިދާޅުވިއެވެ. "ރަޝިޔާގެ އަމަލުތަކާ ގުޅިގެން ހަކަތައަށް ކުރަން ޖެހޭ ހޭދަ މި ވަނީ އިތުރުވެފައި. ކަރަންޓު ބިލުތައް ދަނީ ބޮޑުވަމުން. އެކަމަށް ޔޫކްރެއިނުގެ ރައްޔިތުން އަގު ދައްކަމުން އެ ދަނީ އެ މީހުންގެ ލެޔާއި ފުރާނައިން،" ޖޮންސަން ވިދާޅުވިއެވެ.
މި ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ހުރިހާ ބިތެއްގައިވާ ހުރިހާ ޤައުމަކަށް ދަނީ ނޭދެވޭ އަސަރުތައް ކުރަމުންނެވެ. އިނގިރޭސި ވިލާތުގައި ތަކެތީގެ އަގު ވަނީ 13.3 އިންސައްތައަށް އުފުލިފައެވެ. މިއީ، ފާއިތުވި 42 އަހަރު ވެސް އިންފްލޭޝަން މައްޗަށް ނުދާހާ މަތީ މިންވަރެކެވެ. އަދި، އެ ޤައުމުގެ އިޤްތިޞާދު ކުރިއަރާ މިންވަރު ވަނީ މަޑުޖެހިފައެވެ. ބެންކް އޮފް އިންގްލެންޑުން ބުނީ، އިންފްލޭޝަން ރޭޓު މައްޗަށް ގޮސްފައި ވަނީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލި، ކަރަންޓަށް ކުރަން ޖެހޭ ހޭދަ އިތުރުވުމުން ކަމުގައެވެ.
"ކުރިއަށް އޮތް ފިނި މޫސުމަކީ ވަރަށް ދަތި ދުވަސްތަކަކަށް ވާނެ. ރަޝިޔާއިން ބޭނުން ކުރާ އުކުޅަކީ، ތެލާއި ގޭހުގެ ސަޕްލައި ހިފަހައްޓައި، ވިލާތުގެ ޤައުމުތަކުގެ ރައްޔިތުންނަށް ދަތި ކުރުން. އެ މީހުން ބިކަ ހާލުގައި ޖެއްސުން،" ޖޮންސަން ވިދާޅުވިއެވެ. ނަމަވެސް، ރަޝިޔާގެ މައްޗަށް ކުރި ހޯދައި، ޔޫކްރެއިނަށް މި ހަނގުރާމަ ކާމިޔާބު ކުރެވޭނެ ކަމުގައި ފުރިހަމަ ޔަޤީންކަން އޮތް ކަމުގައި ވެސް ޖޮންސަން ވިދާޅުވިއެވެ.
ޔޫކްރެއިނަށް އަރައި ރަޝިޔާ ސިފައިން ހަނގުރާމަ ފަށާފައި ވަނީ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. އޮގަސްޓު 24 މި ހަނގުރާމައަށް ހަ މަސް ފުރިފައިވާއިރު، އެ ދުވަހު ޔޫކްރެއިނުން ވަނީ އެ ޤައުމުގެ 31 ވަނަ މިނިވަން ދުވަސް ފާހަގަ ކޮށްފައެވެ. ނަމަވެސް، މިނިވަން ދުވަހުގެ މުނާސަބަތުގައި ޚާއްޞަ އިޙުތިފާލުތަކެއް ބާއްވާފައެއް ނުވެއެވެ. އެ ޤައުމުގެ ރައްޔިތުން މިނިވަން ދުވަސް ފާހަގަކުރީ، ގެތަކުގައި ބަންދުވެ، ރަޝިޔާގެ ހަމަލާތަކުން ރައްކާތެރިކަން ހޯދަމުންނެވެ.
މިނިވަން ދުވަހާ ދިމާކޮށް ރަޝިޔާއިން ވަނީ ޔޫކްރެއިނަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މީގެ ތެރެއިން އެއް ހަމަލާ އަމާޒުކޮށްފައި ވަނީ އެ ޤައުމުގެ އިރުމަތީގައި އޮންނަ ރަށެއް ކަމުގައިވާ ޗެޕްލިންގެ ރޭލު ސްޓޭޝަނަކަށެވެ. މި ރޮކެޓް ހަމަލާގައި 22 މީހުން މަރުވިއެވެ. އޭގެ ތެރޭގައި 11 އަހަރުގެ ކުޑަ ފިރިހެން ކުއްޖެއް ވެސް ހިމެނެއެވެ. މީގެ ތެރެއިން ފަސް މީހުން މަރުވީ، އެ މީހުން ދަތުރު ކުރަމުން ދިޔަ ރޭލުގައި ރޯވުމުގެ ސަބަބުން ފިހިގެންނެވެ.
މި ހަމަލާގެ މަޢުލޫމާތު ޒެލެންސްކީ ހާމަ ކުރައްވާފައި ވަނީ އ.ދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ހަމަލާގައި 50 މީހުން ޒަޚަމްވި ކަމަށާއި، މިއީ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމަށް ރަޝިޔާއިން ތައްޔާރުވެފައިވާ ގޮތް ކަމުގައި ސިފަ ކުރައްވާ، އޭނާ ވަނީ ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވިދާޅުވީ، ރަޝިޔާގެ "އެއްވެސް އަސާސެއް ނެތް" މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތަކެއް މިލިޔަން ބަޔަކަށް ފަގީރުކަމާ ކުރިމަތިލާން ޖެހިދާނެ ކަމުގައެވެ.