ދުނިޔޭގެ ވިޔަފާރި

ގަތަރުން ޕާކިސްތާނަށް އެހީ


އިގްތިސާދީ ދަތިކަން މިހާރު ކުރިމަތިވެފައިވާ ޕާކިސްތާނަށް އެހީވުމުގެ ގޮތުން އެ ގައުމުގެ ވިޔަފާރިތަކަށާއި އެހެނިހެން ދާއިރާތަކަށް 3 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރުމަށް ގަތަރު އިންވެސްޓްމަންޓް އޮތޯރިޓީ، ކިއުއައިއޭއިން ނިންމައިފިއެވެ.

މިކަން އިއުލާން ކުރެއްވީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ދޯހާއަށް ކުރެއްވި ދަތުރުފުޅެއްގައެވެ. ބޮޑުވަޒީރު ވަނީ ކިއުއައިއޭއާއެކު ބޭއްވެވި ބައްދަލުވުމަށް ފަހު ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ސާނީއާ ރަސްމީ މަޝްވަރާތައް ކުރައްވާފައެވެ.

މި މަޝްވަރާތަކުގައި ދެ ގައުމުގެ މެދުގައި އޮންނަ އަޚުވަންތަ އަދި ސްޓްރެޓެޖިކް ގުޅުންތަކުގެ މުހިންމުކަމާއި، ގަތަރުގެ އިންވެސްޓްމަންޓް އޮތޯރިޓީ މެދުވެރިކޮށް ވިޔަފާރި ބަދަލުކުރުމާއި އިންވެސްޓްމަންޓްތައް ކުރިއަރުވައިގެން އިގްތިސާދީ ޕާޓްނަޝިޕް އިތުރުކުރުމުގެ މައްޗަށްވެސް މަޝްވަރާކުރެއްވިކަމަށް އަމީރު ދީވާން ނެރުއްވި ބަޔާނެއްގައިވެއެވެ.

މަޝްވާރާތަކުގައި ދެ ގައުމުގެ ވެރިން ވަނީ ގަތަރާއި ޕާކިސްތާނާ ދެމެދު އޮންނަ ދެ ގައުމުގެ ގުޅުންތަކާއި، "ޑިފެންސް، އިގްތިސާދާ، އިންވެސްޓްމަންޓް، ވިޔަފާރި ބަދަލުކުރުމާއި، ހަކަތަ އަދި ކުޅިވަރުގެ ދާއިރާއިން އެހީތެރިވެ ތަރައްގީ ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފައިކަމަށްވެސް ދީވާންގެ ބަޔާނުގައިވެއެވެ. ޓެރަރިޒަމާއި ދެކޮޅަށް ދެ ގައުމުން ކުރާ މަސައްކަތަކާއި ބެހޭގޮތުންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައިކަމަށް ބަޔާނުގައިވެއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޕާކިސްތާނުގެ އިސް ވަޒީރަކު ވަނީ ގަތަރު ސަރުކާރުން ޕާކިސްތާނަށް އިންވެސްޓް ކުރުމުގެ ވިސްނުން ހުރިކަމަށް ވިދާޅުވެފައިކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އަދި ގަތަރުން ޝައުގުވެރި ވަނީ އެއާޕޯޓްތަކާއި، ސީޕޯޓް ޓާމިނަލްތަކާއި، އެލްއެންޖީން އުފައްދާ އިންޖީނުގެތަކާއި، ސޯލާ އެނާޖީ އާއި ހިއްސާގެ ބާޒާރަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕާކިސްތާނުގައި މިހާރު ކުރިމަތިލާން ޖެހެނީ އިގްތިސާދީ ބޮޑެތި ހަލަބޮލިކަމާއެކުކަމަށާއި ބެލެންސް އޮފް ޕޭމަންޓްސްގެ ދަތިކަމާއި ކުރިމަތިލާން ޖެހިފައިވާއިރު، ބޭރު ފައިސާގެ ރިޒާވް ވަނީ 7.8 ބިލިއަން އެމެރިކާ ޑޮލަރަށް ދަށްވެފައެވެ. މިއީ މަހެއްހާ ދުވަހު އިމްޕޯޓްކުރުމަށް ކިރިޔާ ފުދޭވަރުގެ ފައިސާއެވެ. އަދި ކަރަންޓް އެކައުންޓް ޑެފިސިޓް ފުޅާވުމާއި އެމެރިކާ ޑޮލަރާ އަޅާބަލާއިރު ޕާކިސްތާނުގެ ފައިސާ ކަމަށްވާ، ރުޕީގެ އަގު ދަށްވުމުގެ އިތުރުން އެ ގައުމުގެ އިންފްލޭޝަން ޖުލައިމަހު ވަނީ %24 އަށްވުރެ މަތިވެފައެވެ.