ޚަބަރު

"ގޯވިންދާ ނާމް މެރާ" ޑިޒްނީ ޕްލަސް ހޮޓްސްޓަރ އަށް ވިއްކާލައިފި


ހިންދީ ސިނަމާއަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބޮޑެތި ބަޖެޓުތަކުން އުފައްދާ ގިނަ ފިލްމުތައް ނާކާމިޔާބުވުމެވެ. އެތައް ފިލްމެއް ނާކާމިޔާބުވެފައިވާއިރު މިއީ އިންޑަސްޓްރީއަށް ލިބުނު ބޮޑު ޝޮކެކެވެ.

މިއާއިއެކު ފީޗާ ފިލްމުތައް ނެރުމުގައި ޕްރޮޑިއުސަރުން މިހާރު ވިސްނަން ޖެހެއެވެ. އެކްޓަރުންނަށް އެކްޓިން ފީ ތިރިކުރުންވެސް ވަނީ މަޖުބޫރުވެފައެވެ. ފިލްމުތައް ނާކާމިޔާބު ވާތީ އިންޑަސްޓްރީން އަޅާފައިވާ އެތައް ފިޔަވަޅެއްގެ ތެރެއިން އެއް ފިޔަވަޅަކީ ފިލްމުތައް ސީދާ އޯޓީޓީ ޕްލެޓްފޯމްތަކަށް ފޮނުވުމެވެ.

މިދުވަސްވަރު ބޮޑު ސްކްރީނުގައި އަޅުވަން ރަނގަޅު ފިލްމެއް ނޫން ކަމަށް ބުނެ ވިކީ ކޯޝާލް، ކިއަރާ އަދުވާނީ އަދި ބޫމީ ޕަދްނޭކާރް ފެންނަ ޝަޝަންކް ކައިތާނުގެ "ގޯވިންދާ ނާމް މެރާ" ޑިޒްނީ ޕްލަސް ހޮޓްސްޓަރއަށް މިހާރު ވަނީ ވިއްކާލާފައެވެ. މި ފިލްމު ޑިޒްނީ ޕްލަސް ހޮޓްސްޓަރ އަށް ވިއްކާލާފައިވަނީ 62 ކްރޯޑް ރުޕީސްއަށެވެ.

ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަން އިން ޕްރޮޑިއުސްކުރާ މި ފިލްމުގެ ޑިޖިޓަލް ރައިޓްސްގެ އަގަކީ 42 ކްރޯޑް ރުޕީސް އަދި ސެޓެލައިޓް ރައިޓްސްގެ އަގަކީ 20 ކްރޯޑް ރުޕީސް އެވެ. "ގޯވިންދާ ނާމް މެރާ" އަށް ދަރްމާ އިން ފުރަތަމަ ކީ އަގަކީ 80 ކްރޯޑް ރުޕީސްއެވެ. ނަމަވެސް އެ އަގަށް ގަންނާކަށް އެއްވެސް ބަޔަކު ޝައުގުވެރިއެއް ނުވިއެވެ. އެންމެ ފަހުން ޑީލް ލޮކް ކުރީ 62 ކްރޯޑް ރުޕީސްއަށެވެ. ނަމަވެސް މިއަގަށް ފިލްމު ވިއްކައިގެން ދަރްމާއަކަށް އެއްވެސް ފައިދާއެއް ނުލިބޭނެއެވެ.

ފިލްމުގެ ބަޖެޓާއި ވިއްކާލައިގެން ލިބޭ އާމްދަނީއާ އެއްވަރުވެފައިވާކަމަށާއި ޓީމު މިހާރު އޮތީ ނޯ ޕްރޮފިޓް ނޯ ލޮސް ޒޯނެއްގައިކަމަށް ޕްރޮޑަކްޝަން ޓީމާއި ގުޅުންހުރި ފަރާތަކުން ވަނީ ބުނެފައެވެ. އެއީ މިދަނޑިވަޅުގައި ގެއްލުން ލިބުމަށް ވުރެ މާ ރަގަޅުކަމެއްކަމަށްވެސް ޕްރޮޑަކްޝަން ޓީމުން ބުނެފައިވެއެވެ.

ހެއްވާ މަޖާ ކަންތައްތަކެއް ގެނެސްދޭ "ގޯވިންދާ ނަމް މެރާ" ޑިޒްނީ ޕްލަސް ހޮޓްސްޓަރ އިން ރިލީޒްކުރާނީ އަންނަ ނޮވެމްބަރު މަހުއެވެ.