ޚަބަރު

ހަފްތާރެސްގެ 9ވަނަ ޕްރޮގްރާމް ހދ.އަތޮޅުގައި ފަށައިފި


ހަފްތާރެސްގެ 9ވަނަ ޕްރޮގްރާމް ހދ.އަތޮޅުގައި ފަށައިފިއެވެ. މި ޕްރޮގްރާމަކީ އަމާން ވިލުންތެރި މުޖުތަމަޢުއެއް ބިނާކުރުމަށް، މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓާ ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ ގުޅިގެން ފަށާފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ސެޝަންތައް އަތޮޅުގެ 3 ރަށުގައި ކުރިއަށްގެންދާނެއެވެ. ޕްރޮގްރާމްގެ ފުުރަތަމަ ސެޝަންތައް ފަށާފައިވަނީ ހދ.ހަނިމާދޫގައެވެ. އަދި އެ އަތޮޅު ނޮޅިވަރަންފަރާއި ކުޅުދުއްފުށީގައިވެސް ސެޝަންތައް ކުރިއަށްދާނެއެވެ.

މި ޕްރޮގްރާމްގެ އެންމެ ބޮޑު ބޭނުމަކީ މުޖުތަމަޢުގެ ގުޅުން ބަދަހިކޮށް، އެކަކު އަނެކަކަށް އިޙުތިރާމްކުރާ އަޅާލާ މުޖުމަޢުއެއް ބިނާކުރުމެވެ. އަދި މުޖުތަމަޢުގައި ހުރި އިޖްތިމާޢީ އެކިއެކި މައްސަލަތައް ޙައްލުކުރުމަށް، ގުޅިގެން މަސައްކަތްކުރުމަށް ހޭލުންތެރިކުރުމެވެ.

ހޭންތެރިކުރުމުގެ ސެޝަންތައް، ރަށްރަށުގެ އެކި ކޮމިއުނިޓީތަކަށް ބަހާލައިގެން ކުރިއަށްގެންދާނެއެވެ. އެގޮތުން މުދައްރިސުންނާއި ބެލެނިވެރިންނަށް ކުރިއަށްގެންދާ ސެޝަންތަކާއި، ޒުވާނުން، ސަރުކާރުގެ މުވައްސަސާތަކަށް ސެޝަންތައް ކުރިއަށްގެންދާނެއެވެ.

އަދި ކުޅުދުއްފުށީގައި ކެއަރ ގިނަވަރސް ނުވަތަ ބަލިމީހުންގެ އެހީތެރިންގެ ގޮތުގައި އުޅޭ މީހުންނަށް ބޭނުންވާ މަޢުލޫމާތު ދިނުންވެސް ކުރިއަށްދާނެއެވެ. މީގެ ބައެއް ސެޝަންތަކުގައި އަތޮޅުގެ އެހެން ރަށްރަށުންވެސް ބައިވެރިވާނެއެވެ.

މި ޕްރޮގްރާމްގެ ތެރެއިން ހުކުރު ދުވަހު، ހދ.ހަނިމާދޫގައި "ހަފްތާރެއް އާއިލީ ހަވީރު"ވެސް އޮންނާނެއެވެ. މިއީ އެއްމެން އެއްތަނަކުން ބައްދަލުވެ އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށް ބާއްވާ ހަވީރެކެވެ. މި ހަވީރުގައި ޔޫތް މާކެޓް، މިޔުޒިކް، ކުޅިވަރު އަދި އެހެނިހެން ހަރަކާތްތައް އޮންނާނެއެވެ. ހ.ދއަތޮޅުގައި ކުރިއަށްގެންދާ ހަފްތާރެއް ޕްރޮގްރާމް މިމަހުގެ 28ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

މިއަހަރު ތެރޭގައި މިހާތަނަށް ހަފަތާރެސްގެ 4 ޕްރޮގްރާމެއް، އެކި އަތޮޅުތަކުގައި ކުރިއަށް ގެންގޮސްފައިވެއެވެ.