ޚަބަރު

ޓެކްސީތަކުގައި ކެމެރާ ހަރުކުރަން ލާޒިމްކޮށްފި


ޓެކްސީތަކުގައި ޑޭޝް ކެމެރާ ހަރުކުރާގޮތަށް ކަނޑައަޅާ ރާއްޖޭގައި ޓެކްސީ ކުރުމުގެ ގަވައިދު ޢާއްމުކޮށްފިއެވެ.

ހަމައެއާއެކު ޓެކްސީތަކުން ނަގާ އަގުތައް ޚިދުމަތްހޯދާ ފަރާތަށް އިނގޭނެހެން ފެންނާނެފަދަ ގޮތަކަށް ބެހެއްޓުމަށްވެސް ވަނީ ގަވައިދުގައި އަންގާފައެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން އެކުލަވާލާފައިވާ ޓެކްސީ ކުރުމުގެ ގަވާއިދުގައި ވަނީ ޓެކްސީ ކުރުމަށް ބޭނުންކުރާ ކާރުތަކުގައި ޓެކްސީ ކުރާ ހުރިހާ ގަޑިއެއްގައި ޑޭޝް ކެމެރާ ހަރުކޮށް ރިކޯޑުކުރެވޭގޮތް ހަމަޖައްސަންޖެހޭގޮތަށް ކަނޑައަޅާފައެވެ. އަދި މިގޮތަށް ކުރާ ރިކޯޑިންގތައް މަދުވެގެން 7 ދުވަހުގެ މުއްދަތަކަށް ބަހައްޓަންޖެހޭގޮތަށްވެސްވަނީ ލާޒިމުކޮށްފައެވެ. މިނިސްޓްރީން މިބަދަލު ގެނެސްފައިވާއިރު ޓެކްސީތަކުގައި ދުއްވަންތިބޭ މީހުންނާއި ޚިދުމަތްހޯދާ ބައެއް މީހުންގެ ފަރާތުން ނުރައްކާތެރި ޙާދިސާތައް ހިނގާފައިވާކަން ފާހަގަކުރެވެއެވެ.

ޓެކްސީ ގަވައިދުގައިވަނީ 24 ގަޑިއިރު ޚިދުމަތްދޭންޖެހޭގޮތަށް ލާޒިމުކޮށް ކޮންމެ ޓެކްސީ ޑްރައިވަރަކުވެސް މަދުވެގެން ދުވާލަކު 7 ގަޑިއިރު ހަމަކުރަންޖެހޭގޮތަށްވަނީ ހަމަޖައްސާފައެވެ. ޓެކްސީ ޚިދުމަތުގެ ރައްކާތެރިކަން ކަށަވަރުކޮށް ހަރުދަނާކުރުމަށް ޓެކްސީ ސެންޓަރުތަކުން ކޮންމެ މަހަކުވެސް ޚިދުމަތުގެ ރިކޯޑުތަކެއް ބަލަހައްޓަންޖެހެއެވެ. އަދި ޓެކްސީ ކުރުމުގައި ބޭނުންކުރާ އުޅަނދަކީ ގަވައިދުގައި ބަޔާންކުރާ ފަދަ އުޅަނދަކަށް ވާންޖެހެއެވެ.

ގަވާއިދުގައި ބަޔާންކޮށްފައިވާ އެއްވެސްކަމަކާ ޚިލާފުވާނަމަ އެފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އެގޮތުން ޝަކުވާގެ ކުޑަބޮޑު މިނަށް ބެލުމަށްފަހު ފުރަތަމަ ފަހަރު 500 ރުފިޔާއިން ދެވަނަ ފަހަރަށް 750 ރުފިޔާއިން އަދި ތިންވަނަ ފަހަރުނަމަ 1000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އިތުރަށް ކުށްތަކުރާރުވާނަމަ ކުށުގެ ބާވަތަށް ބަލައި ލައިސެންސް ބާތިލުކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

މާލޭގެ މަގުތައް ތޮއްޖެހުން ކުޑަކުރުމަށް މާލޭގައި ޢާއްމު ދަތުރުފަތުގެ ނިޒާމެއް ޤާއިމުކޮށް ބަހުގެ ޚިދުމަތްދޭން ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މިއީ ޓެކްސީތަކުން ކަންބޮޑުމެއްކަމުގައިވާއިރު ޢާއްމުންގެ އެންމެ ބޮޑު ޝަކުވާއަކީ ދަތުރެއް ނަގައިދިނުމަށް އެދުމުން ވަކި ތަނަކަށް ނޫންކަމުގައިވާނަމަ ބައެއް ޓެކްސީ ޑްރައިވަރުން އެކަމާ ދެކޮޅު ހެދުމެވެ. ހަމައެއާއެކު ހުޅުމާލޭ ބްރިޖާއެކު ޓެކްސީތަކުން މިނިސްޓްރީގެ ހުއްދައާއި ނުލާ ޓެކްސީ ކުރުމުގެ އަގަށް ބަދަލު ގެނައުމުގެ ސަބަބުން ފިޔަވަޅުއަޅާނެކަމުގެ އިންޒާރުވެސް ޓްރާންސްޕޯޓުންވަނީ ދީފައެވެ. އެހެންނަމަވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ބަދަލުއައުމާއި ގުޅިގެން ޓްރާންސްޕޯޓުންވަނީ ޓެކްސީގެ އަގުތަކަށް ބަދަލުގެނެސްފައެވެ.