ވިޔަފާރި

އެގްރޯނެޓުން ކޮމިއުނިޓީ ފާމިންގ ޕްރޮގްރާމް 5 ރަށެއްގައި ހިންގަނީ


ކޮމިއުނިޓީ ފާމިންގ ޕްރޮގްރާމް ހިންގުމަށްޓަކައި 5 ރަށަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެގްރޯނެޓުން ވިދާޅުވެއްޖެއެވެ. މީގެތެރެއިން 3 ރަށަކާއެކު އެއްބަސްވުންތައް ހަދައި މިމަހުގެ ތެރޭގައި މަސައްކަތް ފަށާނެކަމަށް އެ ކުންފުނިން ބުނެއެވެ.

ކޮމިއުނިޓީ ފާމިންގ ޕްރޮގްރާމަކީ އެގްރޯނެޓަށް މުޅިން އައު ކޮންސެޕްޓެކެވެ. މި ޕްރޮގްރާމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދު ވިދާޅުވީ، ކޮމިއުނިޓީ ފާމިންގ ޕްރޮގްރާމް ކުރިއަށްގެންދަނީ ރާއްޖޭގެ ބިން ބޮޑެތި ރަށްތަކުގައިކަމަށެވެ. އެގޮތުން އެރަށްރަށުން 1 ލައްކަ އަކަފޫޓުގެ ބިން ހޯދުމަށްފަހުގައި އެތަން ތަރައްޤީކުރަނީ އެގްރޯނެޓުގެ ޚަރަދުގައެވެ.

އެގްރޯނެޓުން އެތަން ތަރައްޤީކުރުމަށްފަހުގައި އެތަނުގައި ޤާއިމްކުރަނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިކަން ކުރެވޭނެ ގޮތްތަކެވެ. އޭގެތެރޭގައި ވަރޓިކަލް ފާމިންއާއި، އިރިގޭޝަން ސިސްޓަމް ހިމެނޭކަމަށް ހާރޫން ވިދާޅުވިއެވެ.

"އެތަން ފުލީ ސެޓްއަޕް ހަމަޖެހުމަށްފަހުގައި ދަނޑުވެރިން އައިސް އެތަނުގައި މަސައްކަތް ކުރުމަށްފަހުގައި ދަނޑުވެރިން އަތުން އަޅުގަނޑުމެން އެތަކެތި ގަންނާނީ. މާނައަކީ މި ކޮންސެޕްޓްގެ ތެރެއިން ދަނޑުވެރިޔާ އެއްވެސް އެއްޗެއް ޕޭކުރާކަށް ނުޖެހޭނެއޭ. އަޅުގަނޑުމެން މުޅި ސެޓްއަޕް ޤާއިމްކުރުމަށްފަހުގައި އެތަނުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދޭނީ." ހާރޫން ވިދާޅުވިއެވެ.

އެގްރޯނެޓުން މިހާރު ވަނީ މި މަސައްކަތް ކުރުމަށް 5 ރަށެއް ހޮވާފައެވެ. އޭގެތެރޭގައި ހިމެނެނީ ލ. އިސްދޫ، ނ. މަނަދޫ، ނ. މާފަރު، އއ. ތޮއްޑޫ އަދި މ. ކޮޅުފުށި އެވެ. މީގެތެރެއިން 3 ރަށެއްގައި އެއްބަސްވުންތައް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. ހާރޫން ވިދާޅުވީ، އުންމީދަކީ މި މަސް ނިމެންވާއިރަށް 3 ރަށުގައި އެއްބަސްވުންތައް ޤާއިމްކުރުމަށްފަހު މި މަސައްކަތް ފެށުން ކަމަށެވެ.

"މި 5 ރަށުގެ ތެރެއިން މިހާރު ތޮއްޑޫއާއި، މަނަދޫއާއި އިސްދޫގައި ބިން ހަމަޖެހިފައިވަނީ. މިމަސް ނިމެންވާއިރަށް އެއްބަސްވުންތައް ޤާއިމްކުރުމަށްފަހު އެ މަސައްކަތް ފަށައިގަންނާނަން. ވިސްނުމަކީ ކުރިއަށްއޮތް 3 މަސްތެރޭގައި އެ މަސައްކަތް ފަށައި ދަނޑުވެރިންނާއި ހަމައަށް އެ މަސައްކަތް ކުރެވޭނެ އިންތިޒާމްތަކެއް ހަމަޖައްސައި ކުރިއަށްގެންދިއުން." ހާރޫން ވިދާޅުވިއެވެ.

އެގްރޯނެޓުން ވިދާޅުވީ، މި ކޮންސެޕްޓްގެ ތެރެއިން މިތަނުގައި މަސައްކަތްކުރާ ކޮންމެ ދަނޑުވެރިއަކުވެސް އަމިއްލަ ދަނޑުގައި މަސައްކަތް ކުރިނަމަވެސް މި ދަނޑުގައިވެސް އައިސް މަސައްކަތް ކުރެވޭނެކަމަށެވެ. ސަބަބަކީ ކޮމިއުނިޓީ ފާމިންގައި ޓެކްނޮލޮޖީގެ އެހީގައި މަސައްކަތް ކުރާއިރު އެހާގިނައިރު އައިސް ދަނޑުގައި މަސައްކަތް ކުރަން ނުޖެހުމެވެ. މި ދަނޑުގައި މަސައްކަތް ކުރާ ދަނޑުވެރިންނަށް މަހެއްގެ މައްޗަށް 10،000 އާއި 15،000 އާއި ދެމެދުގެ އާމްދަނީއެއް ދަނޑުވެރިޔާއަށް ލިބޭނެ އިންތިޒާމްތަކެއް ހަމަޖައްސާނެކަމަށް އެގްރޯނެޓުން ބުނެއެވެ.