ކުޅިވަރު

ލިވަޕޫލް ބަލިކޮށް ޔުނައިޓެޑަށް ފުރަތަމަ މޮޅު


އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ. އެކަމަކު މިމެޗްގެ ފުރަތަަމަ ލަނޑު މެޗްގެ 16 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ޔުނައިޓެޑުންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ޖޯޑަން ސަންޗޯއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 53 ވަނަ މިނެޓްގައި ޖަހާދިނީ މާކަސް ރަޝްފަޑްއެެވެ.

މިމެޗްގައި ޔުނައިޓެޑްގެ ސީނިއާ ދެކުޅުންތެރިންކަމަށްވާ ކެޕްޓަން ހެރީ މެގުއާ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ފުރަތަމަ އެގާރައިގާ ހިމަނާފައެއް ނުވެއެވެ.

މިމެޗްގައި ލިވަޕޫލުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 81 ވަނަ މިނެޓްގައި ޖަހާދިނީ މުހަންމަދު ސަލާހްއެވެ. މި ލަނޑާއެކު ލިވަޕޫލުން އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ ހަމަހަމަ ކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް އެކަން ވާގޮތެއް ނުވިއެވެ.

މިކާމިޔާބީއަކީ މިސީޒަންގައި ފުރަތަމަ ދެމެޗުން ބަލިވި ޔުނައިޓެޑަށް ކާމިޔާބު ކުރެވުނު ފުރަތަމަ މެޗެވެ. އަދި މިއާއެކު ޔުނައިޓެޑް މިވަނީ ތާވަލްގެ 14 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި މިނާކާމިޔާބީއާއެކު ލިވަޕޫލަށް މިހާތަނަށް މިވަނީ ލީގުގައި އަދި މެޗަކުން މޮޅު ނުވެވިއެވެ. އެޓީމް އެްމެ ފުރަތަމަ ކުޅުނު ދެމެޗުވެސް ނިމުނީ އެއްވަރު ވެގެންނެވެ. އަދި މިއާއެކު ލިވަޕޫލް މިވަގުތު އުޅެނީ ތަވަލްގެ 16 ވަނައިގައެވެ.