ޚަބަރު

ނޭވީ ފްލީޓް ރިވިއުއަށް މެޖަރ ޖެނަރަލް ޝިޔާމް އިންޑިއާއަށް


އިންޑިއަން ނޭވީގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ފްލީޓް ރިވިއުގެ ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް މިއަދު އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.އެމްއެންޑީއެފުން ވިދާޅުވީ މިއަދުން ފެށިގެން މިމަހުގެ 8 ވަނަ ދުވަހާ ހަމައަށް އިންޑިއާގެ ވިޝާކާޕަޓްނަމްގައި އޮންނަ އިންޑިއަން ނޭވީސް އިންޓަރނޭޝަނަލް ފްލީޓް ރިވިއުގައި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަރާތުން ބައިވެރިވަނީ ކޯސްޓްގާޑު ޝިޕް "ހުރަވީ" އެވެ. މި ފްލީޓް ރިވިއުއަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ ޖަނަވަރީ މަހުގެ 27 ވަނަ ދުވަހު ބޭއްވި ފައިނަލް ރިހާސަލްގައިވެސް އެމްއެންޑީއެފް ކޯސްޓްގާޑު ޝިފް ހުރަވީ ވަނީ ބައިވެރިވެފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.އިންޑިއަން ނޭވީގެ އިންޓަރނޭޝަނަލް ފްލީޓް ރިވިއުގައި ޔޫއެސްއޭ، އިނގިރޭސިވިލާތް، ފްރާންސް، ރަޝިއާ އަދި ޗައިނާ ފަދަ ޤައުމުތަކުގެ ނޭވީ އުޅަނދުތައް ބައިވެރިވެރިވުމަށް ހަމަޖެހިފައިވާއިރު، ދުނިޔޭގެ އެކި ބައްރުތަކުން 51 ޤައުމެއް މި ފްލީޓް ރިވިއުގައި ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އޭޝިއާ ސަރަހައްދުން މި ފްލީޓް ރިވިއުގައި އިންޑިއާގެ އިތުރުން ދިވެހިރާއްޖެ އާއި ސްރީލަންކާ އަދި ބަންގުލަދޭޝް ބައިވެރިވާނެއެވެ.