ޚަބަރު

އެންޖެލީނާގެ އެސިސްޓެންޓުންނަށް ދެ ދަރިން


ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެންޖެލީނާ ޖޯލީގެ ހުރިހާވެސް އެއްޗަކީ އޭނާގެ ދަރިންނެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި އެންޖެލީނާ ބުނިގޮތުގައި އޭނާގެ ކުރިއަށްއޮތް ޑައިރެކްޝަން "ވިތްއައުޓް ބްލަޑް" ގެ އެސިސްޓެންޓް ޑިރެކްޓަރުންގެ ޑިޕާޓްމަންޓުގައި މަސައްކަތްކުރުމަށް އޭނާގެ ދެ ކުދިންކަމުގައިވާ މެޑޮކްސް އާއި ޕެކްސް ވަނީ ހަމަޖައްސާފައެވެ.

މިއީ ޖޯލީގެ 18 އަހަރުގެ ދަރިފުޅު ޕެކްސް އެންޖެލީނާއާއިއެކު މަސައްކަތްކުރާ ފުރަތަމަ ފަހަރެއްނޫނެވެ. ޕެކްސް މީގެކުރިން ވަނި 2017 ވަނަ އަހަރު ދެއްކި ޑްރާމާ "ފަސްޓް ދޭ ކިލްޑް މައި ފާދާ" ގެ މަންޒަރުތަކެއްގެ ފުޓޭޖް ޝޫޓްކޮށްފައެވެ. މި މަސައްކަތަށް އެންޖެލީނާ ވަނީ ޕެކްސް އަށް ތަޢުރީފްވެސްކޮށްފައެވެ.

ޖޯލީގެ ކުރިއަށް އޮތް ފިލްމުގައި ސަލްމާ ހަޔަކް އާއި ޑެމިއަން ބިޗިރް ލީޑިން ކެރެކްޓަރުންގެ ރޯލުން ފެނިގެންދާއިރު، އެ ފިލްމަކީ 2002 ވަނަ އަހަރު ނެރުނު އެލެސަންޑްރޯ ބާރިކޯގެ ހަމަ އެ ނަމުގައި ނެރުނު ވާހަކައިގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.

"ވިތައުޓް ބްލަޑް" އަކީ އެންޖެލީނާ ޑައިރެކްޓުކުރާ 5 ވަނަ ފީޗަރ ފިލްމެވެ. އަދި މިއީ އޭނާއާއި ފިލްމު ކުންފުނި ފްރީމަންޓަލް ގުޅިގެން އުފައްދާ ފުރަތަމަ ފިލްމެވެ. ފްރީމަންޓަލް އާއެކު 3 އަހަރުގެ އެއްބަސްވުމެއްގައި އެންޖެލީނާ ވަނީ މިދިޔަ މާރިޗު މަހު ސޮއިކޮށްފައެވެ.

2014 ވަނަ އަހަރު ހޮލީވުޑް ތަރި ބްރެޑް ޕިޓް އާއި ކައިވެނިކޮށް އެންޖަލީނާއަށް 3 ކުދިން ލިބިފައިވާއިރު، އޭނާ އަންނަނީ އެޑޮޕްޓުކޮށްފައިވާ އިތުރު 3 ކުދިންވެސް ބަލަމުންނެވެ. ޕެކްސް އާއި މެޑޮކްސް އަކީ ޕިޓް އާއި އެންޖެލީނާ އެޑޮޕްޓުކުރި ދެ ކުދިންނެވެ. މި ދެ ތަރިންގެ ކައިވެނި ރޫޅިފައިވަނީ 2019 ވަނަ އަހަރުއެވެ.

އެކެޑަމީ އެވޯޑަކާއި، 3 ގޯލްޑަން ގްލޯބް އެވޯޑް ހާޞިލުކޮށްފައިވާ އެންޖެލީނާ ޖޯލީ ހޮލީވުޑަށް ތަޢާރަފުވެފައިވަނީ ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި އޭނާގެ އުމުރުން އެންމެ 7 އަހަރުގައި، ބައްޕައާއެކު ކުޅުނު ފިލްމު "ލުކިން ޓު ގެޓް އައުޓް" އިންނެވެ. މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ޖޯލީއަކީ ހޮލީވުޑްގައި އެންމެ ބޮޑު އާމްދަނީއެއްވެސް ލިބޭ އެއް ބަތަލާއެވެ.