ޚަބަރު

އަގު ކުޑަކުރުމުންވެސް އާމިރުގެ ފިލްމު ސްޓްރީމްކުރަން ނެޓްފިލްކްސްއަކުން ބޭނުމެއްނުވި


މި މަހު 11 ވަނަ ދުވަހު ރިލީޒްކުރި އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" ވެފައިވަނީ ބޮކްސް އޮފީހުގެ ބޮޑު ފްލޮޕެކެވެ.

މުހިންމު ރޯލުތަކުން ކަރީނާ ކަޕޫރު ޚާން، މޯނާ ސިންގް އަދި ނާގާ ޗައިތަންޔާ ފެނުނު މި ފިލްމު ބޮކްސް އޮފީހުގައި ރަގަޅަ ނުހިނގީ ފިލްމު ބޯއިކޮޓްކުރަން ސޯޝަލް މީޑިއާގައި ވަރަށް ގަދަޔަށް ޕްރޮމޯޓްކުރުމުންކަމަށް މީޑިއާތަކުން ބުނެއެވެ. މި ފިލްމު ބޮއިކޮޓް ނުކުރުމަށް އާމިރުއާއި ކަރީނާވެސް އެދިފައިވާއިރު، ފިލްމަށް ބެލުންތެރިންގެ ފަރާތުން ލިބިފައިވަނީ ވަރަށް ފިނި ތަރުހީބެކެވެ.

މީގެ ކުރިން އާމިރު ވަނީ މި ފިލްމުގެ ސްޓްރީމިން ރައިޓްސް އާއި ބެހޭގޮތުން ވާހަކަ ދައްކާފައެވެ. ނަމަވެސް އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ބޮކްސް އޮފީހުގެ ބޮޑު ނާކާމިޔާބީއަށްފަހު "ލާލް ސިންގް ޗައްޑާ" އޯޓީޓީ ރިލީޒް ކުރަން އާމިރުއަށް އުނދަގޫވާނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި "ލާލް ސިންގް ޗައްޑާ" ގެ ސްޓްރީމިން ރައިޓްސް ހޯދުމަށް އާމިރު އަންނަނީ ނެޓްފްލިކްސްއާއެކު މަޝްވަރާ ކުރަމުންނެވެ. ނަމަވެސް ބެލެވޭގޮތުގައި މި ފިލްމު ސްޓްރީމް ކުރަން ނެޓްފްލިކްސް އިން އަދި އެއްބަހެއްނުވެއެވެ.

ޗައިނާގައި ވެސް ފިލްމު ރިލީޒް ކުރަން ރާވާފައިވާތީ ފިލްމު ރިލީޒް ކުރުމުގެ ކުރިން އާމިރު ވަނީ 150 ކްރޯޑް ރުޕީސް ކޯޓްކޮށް 6 މަސް ދުވަހުގެ ވިންޑޯއެއް ދިނުމަށް ނެޓްފްލިކްސްއަށް ހުށަހަޅާފައެވެ. ނަމަވެސް ނެޓްފްލިކްސް އިން ހުށަހެޅީ 50 ކްރޯޑް ރުޕީސް ކަމަށާއި 6 މަސް ދުވަހުގެ ވިންޑޯވެސް ކުޑަކޮށްދިނުމަށް އެމީހުން އެދުނު ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޭގެފަހުން މި ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ލިބޭނެކަމަށް ބަލައި އާމިރު ވަނީ އޭނާގެ އެދުނު އަގު 125 ކްރޯޑް ރުފިޔާއަށް ކުޑަކޮށްފައެވެ. ނަމަވެސް ފިލްމު ކާމިޔާބު ނުވުމުން ނެޓްފްލިކްސް އިންވެސް މި ފިލްމު ހޯދަން މިހާރު މާބޮޑު ޝައުގެއް ނެތެވެ. އަދި މިހާރު ފިލްމު ބޭންކްރޯލް ކުރި ސްޓޫޑިއޯއިން ދަނީ އެ ގްރޫޕްގެ ސްޓްރީމިން ޕްލެޓްފޯމެއްގައި މި ފިލްމު ރިލީޒް ކުރަން ރާވަމުންނެވެ.

ފިލްމު އެޅުވި ދުވަހު 14.11 ކްރޯޑް ރުޕީސް ލިބުނުއިރު ދެވަނަ ދުވަހު ލިބުނީ 7 ކްރޯޑް ރުޕީސް އެވެ. ތިން ވަނަ ދުވަހު 10.60 ކްރޯޑް ރުޕީސް ލިބިފައިވެ އެވެ. އެކަމަކު އެއީ ކުރިން ނަމަ، އާމިރުގެ ފިލްމަކަށް އެންމެ ދުވަަހަކުން ލިބޭ ވަރުގެ އާމްދަނީއެކެވެ.

އަތުލް އެޑެޕްޓްކޮށް އަދްވައިތު ޗަންދާން ޑައިރެކްޓްކޮށްފައިވާ "ލާލް ސިންގް ޗައްޑާ" އަކީ 1994 ވަނަ އަހަރު ރޮބަޓް ޒެމެކިސްގެ އޮސްކާ އެވޯޑް ލިބުނު ފިލްމު "ފޮރެސްޓް ގަމްޕް" ގެ ހިންދީ ރީމޭކެވެ.

“ފޮރެސްޓް ގަމްޕު" ގައި ހޮލީވުޑް ތަރި ޓޮމް ހެންކްސް ޓައިޓަލް ރޯލުން ފެނިގެން ދިޔައެވެ. މިއީ 2018 ގެ ބޮޑު ފްލޮޕް "ތަގްސް އޮފް ހިންދުސްތާން" އަށް ފަހު ރިލީޒްކުރި އާމިރުގެ ފުރަތަމަ ފިލްމެވެ.