ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ރިސޯޓް ލީގު 2022" ގެ ނޯތު މާލޭ ޒޯނުގެ ކުއާޓާ ފައިނަލަށް ޝެރަޓަން އާއި ޕަޓީނާ މޯލްޑިވްސް ދަތުރުކޮށްފިއެވެ.
މުބާރާތުގެ ކުއާޓާއަށް ޝެރަޓަން ދަތުރުކުރީ ގްރޫޕް ސީ ގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ތިން ޓީމު ހިމެނޭ ގްރޫޕުގައި އެ ޓީމަށް އެއްވަނަ ލިބުނީ ގްރޫޕުގެ ފަހު މެޗުގައި ސަންގެލި އަތުން 3-0 ގެ ނަތީޖާއަކުން ފޯ ސީޒަންސް ހޯދި މޮޅާއެކު އެވެ.
މި މެޗުން މޮޅުވެގެން ސަންގެލި ޓީމަށްވެސް ކުއާޓާއަށް ދެވެން އޮތެވެ. ނަމަވެސް މި ބައްޔާއެކު ގްރޫޕުގެ ތިން ޓީމަށްވެސް ލިބެނީ ތިން ޕޮއިންޓެވެ. އެއްވަނައިގައި ޝެރަޓަން އޮތީ ފައިދާ ލަނޑުގެ ތަފާތުންނެވެ. މި ގްރޫޕުގައި ދެން ހިމެނޭ ފޯ ސީޒަންސް އާއި ސަންގެލި ޖެހޭނީ ނޮކައުޓް މެޗު ކުޅޭށެވެ. މި މެޗުން މޮޅުވާ ޓީމެއް ކުއާޓާ އިން ޖާގަ ލިބިގެންދާނެ އެވެ.
ޕަޓީނާ ކުއާޓާފައިނަލުން ޖާގަ ހޯދީ ގްރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ހަތަރު ޓީމު ހިމެނޭ ގްރޫޕުގެ އެއްވަނަ ޕަޓީނާ ހޯދީ އެ ޓީމުގެ ގްރޫޕުގެ ފަހު މެޗު ކަމަށްވާ ޖުމެއިރާ އޮޅަހަލި އައިލޭންޑް އާއި ވާދަކޮށް 3-3 އިން އެއްވަރުކޮށްގެން ލިބުނު ޖުމްލަ ހަތް ޕޮއިންޓާއެކު އެވެ. މި ގްރޫޕުން ދެވަނައިގައި ޖުމެއިރާ އޮތް ނަމަވެސް އަންގާރަ ދުވަހު ކުޅޭ ގްރޫޕްގެ ފަހު މެޗުގައި ހެލެނގެލި އާއި ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށް ނުވަތަ އެއްވަރުކޮށްލައިގެން ވެސް މި ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ބަރޮސް އަށް ކުއާޓާއަށް ދެވެން އެބައޮތެވެ.
ނޯތު މާލޭ ޒޯނުގެ ކުޅުން ކުރިއަށްދަނީ ޖުމްލަ 12 ޓީމާއެކު ވަން އެންޑް އޮންލީ ރީތި ރަށުގައެވެ. މި ޒޯނުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައި ވަނީ މި މަހުގެ 29 ވަނަ ދުވަހެވެ.