ޚަބަރު

ރާއްޖޭގައި ކެންސަރު ޖެހޭ އުމުރުފުރާ ހަގުވެއްޖެ


ރާއްޖޭގައި ކެންސަރު ޖެހޭ އުމުރުފުރާ މިހާރު، ކުރިއަށްވުރެ ހަގުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ - އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ. މިއަދަކީ، ބައިނަލްއަޤުވާމީ ކެންސަރު ބަލީގެ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ މި ބައްޔާއިމެދު މީހުންގެ ހޭލުންތެރިކަން އިތުރުކޮށް، މިބަލިން ރައްކާތެރިވެތިބުމަށް ކުރެވިދާނެ ކަންކަމާއި އަދި ބަލިޖެހުމުން ފަރުވާ ހޯދާނެގޮތާއިމެދު މަޢުލޫމާތު ފޯރުކޮށްދިނުމަށެވެ.އެޗް.ޕީ.އޭއިން ވިދާޅުވީ 2009 ވަނަ އަހަރު ދިވެހިރާއްޖޭގައި ކުރެވުނު ޑިމޮގްރަފިކް އެންޑް ހެލްތް ސަރވޭއިން ދައްކާގޮތުގައި ރާއްޖޭގައި ކެންސަރު ޖެހޭ މީހުންގެ އެވްރެޖް ޢުމުރުފުރާއަކީ 41 އަހަރާއި 50 އަހަރާއި ދެމެދު ކަމަށެވެ. އެހެންނަމަވެސް 2013 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ކެންސަރުބަލި ޖެހޭ މީހުންގެ އުމުރުފުރާ މިއަށްވުރެ ހަގުއުމުރު ފުރާއަކަށް ބަދަލުވެފައިވާ ކަމަށް ދައްކައެވެ. ރާއްޖޭގައި ކެންސަރު ޖެހޭ މީހުންގެ 72 އިންސައްތަ އަކީ އަންހެނުން ކަމަށާއި، ކެންސަރު ޖެހޭ ފިރިހެނުންގެ އިންސައްތައަކީ 28 ކަމަށް އެޗް.ޕީ.އޭއިން މަޢުލޫމާތު ދެއްވައެވެ.ރާއްޖޭގައި އާއްމުކޮށް ފެންނަނީ ފުއްޕާމޭގެ ކެންސަރާއި އުރަމަތީ ކެންސަރާއި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު އަދި އަނގައިގެ ކެންސަރުކަމަށްވެސް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން މަޢުލޫމާތުދެއްވައެވެ. ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ - އެންސްޕާގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އާސަންދައިން ބޮޑު ޚަރަދެއް ކެންސަރު ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް ހޭދަކުރެވިފައިވެއެވެ. އެގޮތުން 41 މިލިއަނަށްވުރެ ގިނަ ރުފިޔާ މިދިޔަ އަހަރު ކެންސަރު ޖެހިފައިވާ ފަރާތްތަކަށް ފަރުވާ ދިނުމަށް ހޭދަކޮށްފައިވެއެވެ. ކެންސަރު ބައްޔަކީ ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވާ އެއް ބައްޔެވެ. އެގޮތުން ކޮންމެ އަހަރަކު 14 މިލިއަން މީހުންނަށް ކެންސަރު ޖެހޭއިރު އޭގެ ތެރެއިން 8 މިލިއަން މީހުން އެ ބަލީގައި މަރުވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.