ޚަބަރު

ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި 41 ޑައިވަރުން ތަމްރީންކޮށްފި


އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ "އަޕްސްކިލިން އެންޑް ޓްރެއިިނިން ޕްރޮގްރާމް"ގެ ދަށުން، 41 ޑައިވިން އިންސްޓްރަކްޓަރުން ތަމްރީންކޮށްފިއެވެ. މި ޕްރޮގްރާމްގައި މިހާރުވެސް އިތުރު 150 މީހުން އަންނަނީ ތަމްރީންވަމުންނެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ފަށާފައިވާ ޕްރޮގްރާމަކީ ރާއްޖޭގައި ހުރި ވަޒީފާގެ އެކި ފުރުޞަތުތަކަށް ބޭނުންވާ ތަމްރީން ލިބިފައިވާ ޤާބިލް މީހުން ބިނާކުރުމުގެ މަސައްކަތެކެވެ. ކޯވިޑް ޙާލަތާއި ގުޅިގެން ވޯލްޑް ބޭންކުން ލިބުނު ފަންޑެއްގެ އެހީގައި ކުރިއަށްގެންދާ މި ޕްރޮގްރާމް ހިންގަނީ، އެކި ދާއިރާތަކުގައި މަސައްކަތްކުރާ އިސް ފަރާތްތަކާއި ކުންފުނިތަކާއި ގުޅިގެންނެވެ.

ޑައިވަރުން ތަމްރީންކުރުމުގެ މި ޕްރޮގްރާމް ކުރިއަށްގެންދިޔައީ އޯޝަން ޖަންކީސް، ޑައިވް ކްލަބް މޯލްޑިވްސް، އޯޝަން ވޯރިއަރސް، ޑައިވަރސް ލޮޖް އަދި ޑައިވަރސް ޑެސްކް ގުޅިގެންނެވެ.

މި ޕްރޮގްރާމްގެ ބައިވެރިންވަނީ ޕްރޮފެޝަނަލް އެސޯސިއޭޝަން އޮފް ޑައިވިން އިންސްޓްރަކްޓަރސް (ޕަޑީ) ގެ އިންސްޓްރަކްޓަރ ޑިވެލޮޕްމަންޓް ކޯސް (އައިޑީސީ) ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައެވެ. ފުރަތަމަ ބެޗްގައި ޕްރޮގްރާމް ފުރިހަމަކޮށް 41 މީހަކު ވަނީ ސެޓްފިކެޓް ހާސިލްކޮށްފައެވެ.

މިކަމަށްޓަކާ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟް އިސްމާއިލްއެވެ.

ސެޓްފިކެޓް ހަވާލުކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ފައްޔާޟް ވިދާޅުވީ މި ޕްރޮގްރާމަކީ ވަޒީފާ ނެތިފައިވާ ފަރާތްތަކާއި، އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ހުނަރު އިތުރުކުރުމަށް މަގުފަހިކޮށް އަދި ޕްރޮފެޝަނަލް ލެވެލްގެ ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމުގެ މަޤްސަދުގައި ފެށި މުހިންމު މަސައްކަތެއްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ޑައިވިން އިންސްޓްރަކްޓަރަކަށް ވުމަކީ އެކި ގޮތްގޮތުން އާމްދަނީ ހޯދުމަށް ހުޅުވޭ ދޮރެއްކަމަށެވެ. އެގޮތުން ރިސޯޓްތަކާއި އަމިއްލަ ވިޔަފާރީގެ ގޮތުގައިވެސް މަސައްކަތް ކުރުމަށް ފުރުޞަތު ލިބޭކަމަށެވެ. މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އުއްމީދަކީ ރިސޯޓް ވިޔަފާރީގައި ހުރި މިފަދަ ފުރުޞަތުތަކަކީ، ދިވެހި ޒުވާނުން މަސައްކަތްކުރާ ދާއިރާއަކަށް ހެދުންކަމަށެވެ.

"ޑައިވިންގެ ސަބަބުން އެކި ދާއިރާތަކަށް އެބަ ހުޅުވޭ. އެއީ އެފަދަ ވަޒީފާތައް އަދާކުރުމާއި، އަމިއްލަ ޑައިވް ވިޔަފާރިއެއް ކުރުން ނޫނީ ކަނޑުފަޅުގެ އެކި ދިރާސާތައް ހެދުމުގައިވެސް ޑައިވަރުން ވަރަށް މުހިންމު." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ މި ޕްރޮގްރާމްގެ ދަށުން ތަމްރީންވާ މީހުންނަކީ މަސައްކަތުގައި ނަމޫނާ ދައްކާ ބަޔަކަށް ވުމަށް ގޮވާލާފައެވެ. މިފަހަރުގެ ޕްރޮގްރާމް ފުރިހަމަކޮށްފައިވަނީ އެންމެ އަންހެނެކެވެ. މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތްތާންގައި މި ދާއިރާއިން އަންހެނުން އިތުރުކުރަން ބޭނުންވާކަމަށެވެ.

މި ރަސްމިއްޔާތުގައި ޕަޑީގެ ރީޖަނަލް މެނޭޖަރ މެޓް ވެންގަރ، އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި ޑައިވް ސެންޓަރުތަކުގެ މަންދޫބުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ޕްރޮގްރާމްގެ ދަށުން މިހާރުވެސް 150އަށް ވުރެ ގިނަ ދަރިވަރުން ޑައިވް މާސްޓަރ އަދި އިންސްޓްރަކްޓަރ ޑިވެލޮޕްމަންޓް ކޯސްތަކުގައި ކިޔަވަމުންދެއެވެ. މި ޕްރޮގްރާމްތަކަކީ ސަރުކާރުން 100 އިންސައްތަ ސްޕޮންސަރ ކޮށް، އަދި ތަމްރީންގައި ބައިވެރިވާ ކޮންމެ ފަރާތަކަށް މަހަކު 5000 ރުފިޔާގެ ސްޓައިޕެންޑް އެލަވަންސެއް ލިބޭގޮތަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކެކެވެ.

ޑައިވިންގް ދާއިރާގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލެވިފައެވެ. މި ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ޖޮބް ސެންޓަރ މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

އަދި މި ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ އެހެނިހެން ތަމްރީން ޕްރޮގްރާމްތަކަށް ބަލާއިރު އެކައުންޓިންގ، އައިސީޓީ އަދި އެޕްރެންޓިސްޝިޕް ޕްރޮގްރާމްތައް ހިމެނޭގޮތަށް، ޖުމްލަ 700 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެ ކިޔަވަމުންދެއެވެ.