ޚަބަރު

ކުނި މެނޭޖްކުރެވޭނީ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނެސްގެން: މިނިސްޓަރ ޝައުނާ


ރާއްޖޭގައި ކުނި މެނޭޖްކުރުމަށް އޮތް އެންމެ ބޮޑު ހައްލަކީ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުން ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝައުނާ މިހެން ވިދާޅުވީ 'ފަސްގަނޑު'ގެ ނަމުގައި ކުނި މެނޭޖްކުރުމުގެ ޤައުމީ ކެމްޕޭން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ކެމްޕެއިން ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީއެވެ.

'ފަސްގަނޑު' ކެމްޕެއިނަކީ ދެމެހެއްޓެނިވިގޮތުގައި ކުނި މެނޭޖްކުރުމާގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށް މުޅި ރާއްޖެ ހިމެނޭހެން ޤައުމީ ފެންވަރުގައި ކުރިއަށްގެންދަން ނިންމާފައިވާ މަސައްކަތެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލާއެކު ދިރިއުޅުމުގައި ބޭނުންކުރަމުން އައި ތަކެތި ވަރަށް ބޮޑަށް ބަދަލުވެ ރަށްރަށުގަ މިތަކެތި ނައްތާނުލެވޭ މިންވަރަށް ކުނީގެ ގޮތުގައި އުފެދޭ ކަމަށެވެ. އެގޮތުން ހަމައެކަނި މާލެ، ހުޅުމާލެ އަދި ވިލިމާލެއިން ދުވާލެއްގެ މައްޗަށް މަދުވެގެން 400 ޓަނުގެ ކުނި އުފައްދާކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

"ތަކެއްޗަށް ބަރޯސާވާ މިންވަރާއި ބަރޯސާވާ ތަކެއްޗަކީ އެއްފަހަރު ބޭނުންކޮށްފަ އުކާލެވޭފަދަ ތަކެތި ނޫން ކަމުގަ ހަދައި ރީސައިކަލް ކޮށްގެން، ކޮންމެ ޕާޓީއަކަށް، ކޮންމެ ހަފްލާއަކަށް، ކޮންމެ ސްކޫލް އިވެންޓަކަށް އަދި ކޮންމެ ތަނަކަށް މި ބޭނުންކުރާ އާ ހެދުމާއި ޕާޓީތަކުގަ ބޭނުންކުރާ ވަސީލަތްތަކާއި މި ކަންކަމަށް ބަދަލު ނުގެނެސް މި ދެންނެވި މައްސަލައަކަށް ހައްލެއް ނާންނާނެ" މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

ރާއްޖޭގައި ކުނި މެނޭޖްކުރެވެން އޮތް ހަމައެކަނި ގޮތަކީ އިސްރާފު ކުރުން ކުޑަކުރުންކަމަށާއި ހުރިހާ އެންމެން ގުޅިގެން މަސައްކަތްކުރާނަމަ ރާއްޖޭގެ ރީތިކަން ޒަމާންތަކަކަށް ދެމެހެއްޓިގެންދާނެކަނ މިނިސްޓަރ ޝައުނާ ފާހަގަކުރެއްވިއެވެ. މިއީ ވަރަށް ބުރަ މަސައްކަތެއްކަމަށާއި މިކަން ކުރުމަށް ވަރަށް ބައިވަރު ދުވަސް ނަގާނެކަމަށްވެސް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

"ސަރުކާރުން މިހިންގާ އެކިއެކި ޕްރޮޖެކްޓްތަކާ ސަރުކާރުގެ ސިޔާސަތައް ގެނައި ބަދަލުތަކާއި އެކީ ކުރިއަށް އޮތް އަހަރުތަކުގެތެރޭގަ މި ނިޒާމު ފުރިހަމައަށް ހިނގާތަން އަޅުގަނޑުމެންނަށް ފެންނާނެ" މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

ގުދުރަތީގޮތުން ރާއްޖެ އުފެދިފައި އޮތް ގޮތުގެ ސަބަބުން ކުނި މެނޭޖްކުރުމަށް ގިނަ ގޮންޖެހުންތަކެއް ރަށްރަށަށް އަންނަނީ ކުރިމަތިވަމުންނެވެ. އެގޮތުން މި ކެމްޕެއިންގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ކުންޏާއި ވަޞީލަތްތައް މޭނޭޖްކުރުމާއި، މި މުހިންމު މަސައްކަތް ރާވާ ހިންގުން އިތުރަށް ހަރުދަނާކުރުމަށް ދިރާސާކުރެވޭނެއެވެ. އަދި ޢާންމު ރައްޔިތުންނަށް އަމާޒުކުރެވިގެން ކެމްޕެއިން ފަރުމާކޮށް، ޕްލޭންތަކެއް އެކުލަވާލެވި، މި ކެމްޕެއިން ތަންފީޒުކުރުމަށް ބޭނުންވާ "ފަސްގަނޑު" ނުވަތަ ޓޫލްކިޓްވެސް މިހާރު ވަނީ އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ތައްޔާރުކޮށްފައެވެ.

ފާއިތުވީ އަހަރުތަކުގެ ތެރޭގަ ޖުމްލަ 6 ރަށެއްގަ ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް ވަނީ ޤާއިމްކުރެވިފައެވެ. އަދި މިވަގުތު 42 ރަށެއްގަ ކުނި މެނޭޖްކުރުމުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް އެކި މަރުހަލާތަކުގަ އަންނަނީ ކުރަމުންނެވެ.

ކުނި މެނޭޖްކުރެވޭނެ ވަސީލަތްތައް ރަށްރަށުގައި ނެތުމާއި، އަދި ކުނި ފަރުބަދަތައް އުފެދި އެ ކުނި ރަށުން ބޭރުކުރެވޭނެ ގޮތެއް ނެތި އޮތް އެތައް ރަށެއް ރާއްޖޭގައި އެބައޮތެވެ.

ސަރުކާރުގެ ވިސްނުން ހުރީ ރަށު ފެންވަރުގައި މެނޭޖްކުރެވޭ ކުނި، ރަށްރަށުގައި މެނޭޖްކޮށް، އަދި ބައެއް ކަހަލަ ބާވަތްތައް ސަރަޙައްދީ މެނޭޖްމަންޓް ފެސިލިޓީތައް ޤާއިމުކޮށް އެތަންތަނުން މެނޭޖްކުރުމެވެ.