ޚަބަރު

ޤައުމުގެ ސަލާމަތަށް ނުރައްކާވާފަދަ އެއްވެސް ޙާލަތެއް ނެތް


ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އާމަރީއާއި،  ހަތިޔާރާއި ގުޅޭ އެންމެހާ ކަންކަން ހަރުދަނާ ކުރެވި،  ޤައުމުގެ ސަލާމަތަށް ނުރައްކާވާފަދަ އެއްވެސް ޙާލަތެއް މިހާރު ނެތްކަމަށްވެސް ޑިފެންސް މިނިސްޓްރީން ކަށަވަރުކޮށްދެއްވައިފިއެވެ.ހދ. ކުނބުރުދޫން މިމަހުގެ އެއްވަނަ ދުވަހު ފެނިފައިވާ  ވަޒަންތަކާ ބެހޭ ގޮތުން އެމިނިސްޓްރީން  ނެރުއްވި ނޫސްބަޔާނެއްގައިވަނި މިވަޒަންތަކަނީ، ދިވެހި ސިފައިންނާއި، ބޭރުގެ އަސްކަރިއްޔާ އަކާއި ގުޅިގެން ހިންގެވި  އަސްކަރީ ތަމްރީނެއްގައި ބޭނުންކުރި ވަޒަންތަކެއްކަމަށެވެ. އަދި މިވަޒަންތައް ފެނުނު ފަހުން މާކުރީން ހިނގާފައިވާ ކަންކަމުގެ ޚަބަރުތަކާއި، ފޮޓޯތަށް ބައެއް ނޫސްތަކުގައި ޝާއިޢުކޮށް، އެތަކެއްޗަކީ، ސިފައިންގެ އާމަރީން ގެއްލުނު ތަކެތި ކަން އާއްމުންނަށް ދޭހަކޮށްދޭ މަސައްކަތް ކުރަމުން ދާކަމަށް އެމިނިސްޓްރީން ވަނީ ތުހުމަތު ކުރައްވާފައެވެ.މިކަމުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަކަށް މީޑިއާގައި ޙަޤީޤަތާއި ޚިލާފު ވާހަކަތައް ފަތުރަމުންދާތީ އެކަން އެގޮތަށް ނުކުރުމަށް އެބަޔާނުގައި އިލްތިމާސްކުރައްވާފައިވެއެވެ. އަދި މިމަހުގެ އެއްވަނަ ދުވަހު ހދ. ކުނބުރުދޫން ފެނިފައިވަނީ، ދިވެހި ސިފައިންނާއި، ބޭރުގެ އަސްކަރިއްޔާ އަކާއި ގުޅިގެން ހިންގުނު އަސްކަރީ ތަމްރީނެއްގައި ބޭނުންކުރި ވަޒަންތަކެއްކަމަށް، އެމިނިސްޓްރިން ހާމަކުރައްވާފައިވެއެވެ. އަދި މިއީ "ނޮން ލީތަލް ސިމިއުނިޝަން ރައުންޑްސް"  ވަޒަން ތަކެއް ކަމަށާއި،  ކުނބުރުދޫގައި  އެވަޒަންތައް ބެހެއްޓިފައިވާ  ސަބަބު މިހާރު ބަލަމުންދާކަމަށްވެސް އެމިނިސްޓްރީން ހާމަ ކުރައްވައެވެ.