މުސާރަ ނުދެވޭ ހާލަތެއް އަތުވެއްޖެ ނަމަ ކުލަބެއް ނޯންނާނެ ކަމަށާއި އަދި ދަރައިގެން އެ ވާހަކަ ނޫހަކަށް ނާރާނެ ކަމުގެ ޔަގީންކަންދޭ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ޗެއާމަން އަޙްމަދު ސާޖިދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުގެ ތެރެއިން މާޒިޔާއަކީ މުސާރައިގެ ކަންކަން އެންމެ ރަނގަޅަށް ބަލަހައްޓަމުން އަންނަ އެއް ކުލަބެވެ. މާޒިޔާއިން 2006 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ފަހުން މިހާތަނަށް ކުޅުންތެރިއަކަށް ދޭން ޖެހޭ އެއްވެސް ފައިސާއެއް ނުދީ ނެތެވެ.
މި ފަހަރުގެ ސީޒަން މާޒިޔާއިން ނިންމާލީ ތިން ތައްޓާއެކުއެވެ. އެއީ އެފްއޭ ކަޕާއި ދިވެހި ޕްރިމިއާ ލީގުގެ އިތުރުން ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑެވެ. މާޒިޔާއަށް ހަމައެކަނި ގެއްލުނީ ޕްރެޒިޑެންޓްސް ކަޕެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ކުލަބު ވެލެންސިއާއިން ހޯދީ ފައިނަލުގައި މާޒިޔާ ބަލިކޮށްގެންނެވެ. އެ ފަހަރު ޓީމުގެ ކޯޗަކަށް ހުރީ ދިވެހި ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އެވެ. ނަމަވެސް ފަހުން އެ ޓީމަށް ވަނީ ބިދޭސީ ކޯޗެއް ގެނެސްފައެވެ.
އާދީއްތަ ދުވަހުގެރޭ ކުލަބު ވެލެންސިއާ 2-0 ގެ ނަތީޖާއަކުން ބަލިކޮށް އެފްއޭ ކަޕުގެ ޗެމްޕިއަންކަން މާޒިޔާއިން ހޯދި މެޗަށްފަހު ވާހަކަދައްކަވަމުން ސާޖިދު ވިދާޅުވީ ކުލަބުން އަބަދުވެސް ވިސްނަނީ ކާމިޔާބީ ހޯދުމަށް ކަމަށާއި ކޯޗުންނަށް ނޫން ކަމަށެވެ. އަދި މިއީ މާޒިޔާއިން ކުރާ މަސައްކަތަށް ބަލާއިރު ހައްގު ކާމިޔާބީއެއްގެ ގޮތުގައި ސާޖިދު ސިފަކުރެއްވިއެވެ.
"މީގަ އަސްލު މާޒިޔާ ބޮޑަށް މި ވިސްނަނީ ކާމިޔާބީއަށް، ކޯޗުންނަކަށް ނޫން، އެހެންވީމަ، މާޒިޔާ އަށް ކާމިޔާބު ލިބެން، ކުރަން ޖެހޭ ކޮންމެ ކަމެއްގައި ވެސް. އަދި އެއީ ދިވެހި ކޯޗެއް ފޮނުވާލާފައި ބޭރު ކޯޗެއް ގެންނަން ވިޔަސް، ނޫނީ ބޭރު ކޯޗެއް ފޮނުވާލާފައި ދިވެހި ކޯޗެއް ނަގަން ވިޔަސް އަޅުގަނޑުމެން ހަމަ އެ ގޮތަށް ކުރިއަށް ދާނީ،" ސާޖިދު ވިދާޅުވި އެވެ.
މާޒިޔާ އިން އެފްއޭ ކަޕް ކާމިޔާބުކޮށްފައި ވަނީ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒޭރު (ކޮއްކޮ) ގެ އިރުޝާދުގެ ދަށުންނެވެ. އަދި އެ ޓީމުގެ ބިދޭސީ ކުޅުންތެރިންގެ އެއްބަސްވުން ހަމަވާތީ އެފްއޭ ކަޕުގައި ކުޅެފައިވަނީ މުޅިން ވެސް ދިވެހި ކުޅުންތެރިންނެވެ.